ރައީސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.
ރައީސް މައުމޫން މިއަދު މާފުށި ޖަލަށް ބަދަލުކޮށްފައި މިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ދައުވާކުރި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ އެމަނިކުފާނު އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރުމާ ގުޅިގެންނެވެ.
ރައީސް މައުމޫންގެ މައްޗަށް މިދައުވާ އުފުލީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ އެމަނިކުފާނު ހައްޔަރުކުރުމަށްފަހު ފޯނު ދޭން އެދުމުން ފޯން ދިނުމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެވެ.
ރައީސް މައުމޫން މާފުށި ޖަލަށް ބަދަލުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.
ރައީސް މައުމޫން މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ހައްޔަރުކުރި ފަހުން އެމަނިކުފާނު ކުޑަ ދުވަސްކޮޅަކު މީގެކުރިން މާފުށި ޖަލުގައި ބެހެއްޓެވި ނަމަވެސް ގިނަ ދުވަސްތައް ހޭދަކޮށްފައިވަނީ ދޫނިދޫ ޖަލުގަ އެވެ.
ރައީސް މައުމޫން ދޮޅު އަހަރަށް ޖަލަށް ލުމުގެ އިތުރަށް އެމަނިކުފާނަށް ދީނީ ނަސޭހަތް ދިނުމަށް ދީފައިވާ ހުއްދަ އާއި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ބާތިލްކުރުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ރިޝްވަތު ނަގައިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ރައީސް މައުމޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފަ އެވެ. ނަމަވެސް ރައީސް މައުމޫން ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ