މައުމޫން ގެއަށް ބަދަލުކޮށް ނުދެވޭ ނަމަ ދޫނިދޫއަށް ބަދަލުކޮށްދެއްވާ: ވަކީލުން

އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި ޖަލަށްލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ހުކުމް ތަންފީޒު ކުރުމަށް ގޭ ބަންދަށް ބަދަލުކޮށް ދިނުމަށާއި، އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށް ނުދެވޭ ނަމަ ދޫނިދޫއަށް ބަދަލުކޮށް ދިނުމަށް އެމަނިކުފާނުގެ ވަކީލުން ގޮވާލައްވައިފިއެވެ.
ރައީސް މައުމޫނުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލު މިއަދު ވިދާޅުވީ ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅަށް އަދި އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި ކުރިން ދިމާވި ކަންތައްތައް މިހާރު ވެސް ކޮންމެ ވަގުތެއްގައި ވެސަް ކުރިމަތިވެވަޑައިގެންފާނެ ކަމަށެވެ.
ފައިސަލު ވިދާޅުވީ ސަރުކާރު ވައްޓާލަން އުޅުނު މައްސަލާގައި ރައީސް މައުމޫނާއި އިތުރު ބަޔަކު ހައްޔަރުކޮށް ހުކުމް އިއްވުމުގެ ކުރިން ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ ވެސް ރިމާންޑު ޖަލެއްގައި ކަމަށެވެ. ނަމަވެސް ރައީސް މައުމޫން ދޫނިދޫގައި ބެހެއްޓެވީ އެމަނިކުފާނުގެ ހާލުކޮޅަށް ރިއާޔަތްކޮށް ކަމަށް ފައިސަލު ވިދާޅުވިއެވެ.
"ހަތަރު ފަސް ފަހަރެއްގެ މަތިން ކުރިން ދޫނިދޫގައި ހުންނެވި އިރު ވެސް ރައީސަށް އެކަން ކުރިމަތިވެވަޑައިގެންނެވި. އެހެންކަމުން ޑޮކްޓަރުންގެ ލަފަޔާއެކު ދޫނިދޫއަށް ބަދަލު ކުރީ. ވަކި ކަންތައްތަކެއް ކުރަން، އަދި ވަކި ކަސްރަތުތަކެއް ކުރުމަށާއި އިސްތަށިފުޅު ގުޑުވައި ނޫޅުމަށާއި އަބަދުވެސް މީހަކު އެމަނިކުފާނާއެކު ހުރުމަށް ތަކުރާރުކޮށް ޑޮކްޓަރުން އަންގާފައިވޭ،" ފައިސަލު ވިދާޅުވިއެވެ.
ފައިސަލު ވިދާޅުވީ އެމަނިކުފާނު މާފުއްޓަށް ބަދަލުކޮށްފައިވާ އިރު ދޫނިދޫގައި އެމަނިކުފާނަށް ލިބެމުން ދިޔަ އެހީތެރިކަން ނުލިބޭ އިރު އެކަށިގެންވާ ފަރުވާ މާފުށީ ޖަލުން ނުލިބޭނެ ކަމަށެވެ. އަދި މާލެ ގެންނަން ޖެހުނު ނަމަވެސް ވަގުތު ނަގާނެ ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅާ މެދު އާއިލާއާއި ވަކީލުން ނުހަނު ކަންބޮޑުވާ ކަމަށެވެ.
"މީގެ ކުރިން ވެސް އެބަހުރި ސިއްހީ ހާލަތަށް ރިއާޔަތްކޮށް ގޭގައި ހުކުމް ތަންފީޒު ކުރަން ބަދަލުކޮށްފައި ވެސް. އަޅުގަނޑުމެން މިއެދެނީ ރައީސް ގެއަށް ބަދަލުކޮށް ދެއްވާށެ. އެވަރުކޮށް ނުދެވެންޏާ ކުޑަމިނުން އެމަނިކުފާނު ދޫނިދޫއަށް ބަދަލުކޮށްދެއްވާށޭ،" ފައިސަލު ވިދާޅުވިއެވެ.
ފެބުރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރު ކުރުމަށްފަހު އެމަނިކުފާނު ބަހައްޓާފައިވަނީ ދޫނިދޫގައެވެ. ނަމަވެސް އެމަނިކުފާނަށް ދައުލަތުން ކުރި އަދުލު އިންސާފު ގާއިމު ކުރުމަސް ހުރަސް އެޅި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅާ އެއް އަހަރާއި ހަތް ހަމައި ހަ ދުވަހަށް ޖަލަށް ހުކުމް ކުރުމުން މިދިޔަ ހަފުތާ އެމަނިކުފާނުވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ