ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ފެދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި އިއުލާން ކޮށްފައި ނުވިނަމަވެސް، ޕްރައިމަރީ ލަސް ނުކުރުމަށް އަލްހާން ވަނީ އެމްޑީޕީއަށް ގޮވާލައްވާފައެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން މިއަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން އިލެކްޝަންސް ކޮމިޝަންގައި ކުރިއަށްދާނެއެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދި ކަމުގެ ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް އަދި ރަސްމީކޮށް އެއްވެސް ފަރާތަކުން ކުރިމަތިލާނެކަން ހާމަކޮށްފައިނުވާއިރު، އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވަނީ އެ ގޮނޑިއަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
މީގެއިތުރުން، މ.އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދެ ކައުންސިލަރަކު ވެސް މި ގޮނޑިއަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.
އަދި ޕީޕީއެމް އިން ވަނީ އިއްޔެގެ ވަގުތެއްގައި ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ފަށާފައެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޕްރައިމަރީގައި އަލްހާން ވާދަ ކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ