މީގެކުރިން ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޣައްސާން – އަފްރާޝިމް

މީގެ ކުރިން ބޭއްވި ތިމަރަފުށީ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު ޑރ.އަފްރާޝިމް އަލީ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއަށް މަޖިލީހުގައި ތަމްސީލް ކުރެވުމާއި ތިމަރަފުށީ ގޮނޑި ޕީޕީއެމްއަށް ލިބުމާއި ގުޅިގެން އެ ޕާޓީން ރޭ ތ.ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަފްރާޝިމް ވިދާޅުވީ ޣައްސާން މައުމޫން ގޮނޑި ކާމިޔާބުކުރެއްވި ނަމަވެސް ބަޔެއްގެ މަކަރާއި ހީލަތުން އޮޅުވާލައިގެން އެމްޑީޕީން އެ ގޮނޑި ކާމިޔާބުކުރީ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ޕީޕީއެމަށް މި ގޮނޑި ކާމިޔާބު ކުރެވުނީ ހީވެސް ނުކުރާ ގޮތަށް، މާ ޝަރަފުވެރިކާމާއެކު މާ ގިނަ ބައެއްގެ ތާއީދާއެކު" އަފްރާޝިމް ވިދާޅުވި އެވެ.
އެމްޑީޕީއަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި އެމްޑީޕީގެ ސައިޒް އެނގިގެން ގޮސްފައިވާ ކަމަށާއި އެހެން ކަމުން މި ސަރުކާރާއި މި އިއްތިހާދު ރޫޅި ނުގޮސް ދެމެހެއްޓުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންވާނެ ކަމަށް އަފްރާޝިމް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ވިދާޅުވީ އެމްޑީޕީން ގަދަ ބަސް ނުބުނެ ރައްޔިތުންނާއި އެކު މަސައްކަތް ކުރަން އެބަޖެހޭ ކަމަށާއި ތަންތަނުގައި ހުޅުޖަހައިގެން ކުރިއަށް ނުދެވޭނެކަން އެ ޕާޓީން ދަންނަން ޖެހޭނެ ކަމަށެވެ.
ޔާމިން ވިދާޅުވީ ދެން ބާއްވާ ކޮންމެ އިންތިހާބެއްގެ ގޮނޑި ކާމިޔާބު ކުރާނީ ޕީޕީއެމުން ކަމަށާއި މިއަދު އެންމެ އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާ ބަޔަކީ ޕީޕީއެމް ކަމަށެވެ.
"ޕީޕީއެމްއަކީ ޕީޕީއެމްއަށް ވުރެން ދައުލަތް ބޮޑުކަން ގަބޫލުކުރާ ޕާޓީއެއް، ޕީޕީއެމްއަކީ ޕީޕީއެމްގެ އިސްވެރިންގެ މަސްލަހަތު ހިމާޔަތް ކުރާނެ ޕާޓީއެއް ނޫން، އެމްޑީޕީއަށް މެމްބަރުން ވައްދާފައިވާކަން އިނގޭއިރު ކުރިއަށް އޮތްތަނުގައި ޕީޕީއެމްއަކީ އެންމެ މެމްބަރުން ގިނަ ޕާޓީއަށް ވެގެންދާނެ، ރާއްޖޭގައި ވެރިކަން ކުރުމުގެ އެންމެ ގާބިލު ޕާޓީއަކީ ޕީޕީއެމް" ޔާމިން ވިދާޅުވި އެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ މި މަހުގެ 10 ވަނަ ދުވަހުގެރޭ ކުރީގެ ރައީސް ނަޝީދު ކާށިދޫގައި ބޭއްވި ޖަލްސާގައި މި ގައުމުގެ ރައްޔިތުން ތިބީ ބާޣީންނާއި އެކީތޯ ނޫންތޯ އިންތިހާބުން އެނގިގެންދާނެ ކަމަށް ވިދާޅުވެފައިވާތީ މިއަދު އެކަން އިނގިގެން ގޮސްފި ކަމަށެވެ.
"ސިޔާސީ ޕާޓީއަކީ ދީނެއް ނޫން، އެމްޑީޕީގައި އެތިބި ރައްޔިތުން ވިސްނަން ޖެހޭ، އަޅުގަނޑުމެންގެ ޕާޓީގެ ދޮރު މިވަނީ ހުޅުވާލެވިފަ، އަޅުގަނޑުމެންގެ ޕާޓީގެ ތެރެއިން އެމްޑީޕީގެ ތެރޭގައި ހުރެފަ އައި މީހަކަށް ތަފާތެއް ނުކުރާނަން، އަޅުގަނޑުމެންގެ ގައުމު އެމްޑީޕީގެ ވަބާއިން ސަލާމަތްކުރުމަށްޓަކައި އެމްޑީޕީގެ ހެޔޮ ވިސްނިވަޑައިގަންނަވާ އެންމެން ޕީޕީއެމްއާއި ގުޅިވަޑައިގަތުމަށް ދަންނަވަން، އެމްޑީޕީ ނޫން ޕާޓީތަކާއި ގުޅި ވަޑައިގަތުމަށް ދަންނަވަން" މަހްލޫފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ