ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހައްލު ހޯދާނެ: ގާސިމް

ގައުމުގައި ތަފާތު މައްސަލަތައް ދިމާވެފައިވަނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށް ނުދެވިގެން ކަމަށާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެ މައްސަލަތަކަށް ހައްލު ހޯދާނެކަމަށް އެޕާޓީގެ ލީޑަރ އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އުތުރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ތަރައްޤީ ކަމުގައެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް ތަރައްޤީއަށް މަސައްކަތް ކުރެވެމުން ނުދާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ވެރިކަމުގައި ހުންނަނީ ކާކުތޯ ބެލުމަށް ރައްޔިތުން ބޭނުންނުވާކަމުގައެވެ. ނަމަވެސް ރައްޔިތުން ބޭނުންވަނީ ރަތައްގީކަމަށާއި އެއްބަޔަކު އަނެއްބަޔަކާއި އަރާރުންވުމާއި ހަޅޭއްލެވުން ގައުމަށް ބޭނުންނުވާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ނުކުރެވިގެން ރާއްޖޭގެ ގިނަ ރައްޔިތުންތިބީ މާޔޫސްކަމެއްގެ ތެރޭގައި ކަމުގައެވެ. އަދި ރިޔާސީ ކެނޑިޑޭޓަކަށް ނިކުމެ ހުންނެވި ނަމަވެސް ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަތަން ފެނިއްޖެނަމަ އެބޭފުޅަކަށް ވޯޓް ދިނުމަށް ތައްޔާރަށް ހުންނެވިކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އުތުރަށް ކުރެއްވި ދަތުރުގައި 130 ވަރަކަށް ރަށަށް ވަޑައިގެންނެވިކަމަށާއި އެ ރަށްރަށުން ޖުމްހޫރީ ޕާޓީއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމުގައެވެ. އަދި ރާއްޖޭގައި އޮތީ ސިޔާސީ ދެ ފިކުރުކަމަށް ބުނާބުނުމަކީ ރޯދޮގެއްކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ