މި ސަރުކާރަށް ދެ އަހަރުވީއިރު ދަރައި ބޯހިކެން ނެތް: ގާސިމް އިބްރާހިމް

މި ސަރުކާރަށް ދެ އަހަރުވީއިރު، ރާއްޖޭގެ ރައްޔިތުން ދަރައި، ބޯހިކެންނެތް ކަމަށާއި ސަރުކާރުން ކަންތައް ކުރަމުން ގެންދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބޭރުން ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.ޖުމްހޫރީ ޕާޓީން އިސް ނަގައިގެން އިދިކޮޅު ސިޔާސީ ޕާޓީތައް ބައިވެރިވެގެން ނަސަންދުރަ ޕެލަސް ހޮޓަލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު 21 ދުވަހުގެ ތެރޭގައި އިސްތިއުފާދެއްވި ގާސިމް ވިދާޅުވީ، ރައީސް ނަޝިދު ވެރިކަން ކުރައްވަމުން ގެންދަވަނީ، 1932ވަނަ އަހަރުގެ ކުރިން، އެއްވެސް ޤާނޫނު އަސާސީއެއް ނެތްއިރު ރާއްޖޭގައި ވެރިކަން ކުރިގޮތަށް ކަމަށާއި އަދި އެގޮތަށް ވެރިކަން ނުކުރެއްވުމަށް ވެސް ގާސިމް ގޮވައިލެއްވި އެވެ."ދެ އަހަރު ވީއިރު މި ސަރުކާރުން އެތައް ސަތޭކަ މިލިޔަން ޑޮލަރުގެ ދަރަނި ނަގައިފި. ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ދުވަހަކު ވެސް ނުދަރާވަރަށް ދަރަނިވެރިވެގެން ހިނގައްޖެ. މިދިޔަ އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 5.9 ބިލިޔަން ރުފިޔާ ދަރަނިވެރިކޮށްލި. މިއަހަރު ނިމިގެންދާއިރު އަނެއްކާ ހަ ބިލިޔަން ރުފިޔާއަށްވުރެ ބޮޑަށް ދަރަނިވެރިވެގެން ދާނެ. ވެރިކަމާ ހަވާލުވި ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި އަނެއް ހަތަރު ބިލިޔަން ރުފިޔާނެގި. އެބައި ކަނޑާލައިފައި ވެސް މި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ދަރަނި 12 ބިލިޔަން ރުފިޔާ، އެއްބިލިޔަން ޑޮލަރަށް މައްޗަށް އަރައިގެންދިޔަ. ދެ އަހަރަށް ދައްކާ ގޮތަށް އެ ލިބުނު ތަނަކުން ޑޮލަރު ދަމައި މި ގެންނަނީ ކޮމާޝަލް ރޭޓުގައި. މިއީތޯ ފައިނޭސަލް ސެކްޓާ، އިގްތިސޯދު ދަންނަ މީހުން ކަންތައްކުރާ ގޮތަކީ. ކޮބައިތޯ ދިހަ ރުފިޔާއަށް ހަދަން ބުނި ޑޮލަރު، ސާދަ ރުފިޔާ އަށް މިހާރު ލިބެނީ،" ގާސިމް  ވިދާޅުވި އެވެ.ގާސިމް ވިދާޅުވީ ހުރިހާ ދިމާލަކުން ވެސް ރައީސް ނަޝީދު ގާނޫނާ ހިލާފްވެވަޑައިގަންނަވަމުން ގެންދަވާކަމަށެވެ. އެގޮތުން އެމްބީސީގެ ޤާނޫނު ތަޞްދީޤް ކުރެއްވުމަށް ފަހު އަމަލު ނުކުރެއްވުމާއި މާލިއްޔަތުގެ ޤާނޫނު ދެވަނަ ފަހަރަށް މަޖިލީހުން ފާސްކުރުމުން ވެސް ތަޞްދީޤު ނުކުރައްވައި ހިފަހައްޓަވަމުން ގެންދެވުމާއި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތަކަށް ދޭންޖެހޭ އިނާޔަތްތައް ގާނޫނަކުން ކަނޑާފައި ވަނިކޮށް ޒާތީގޮތުން ޖެއްސުން ކުރެއްވުމަށް ގާނޫނާ އެއްގޮތަށް އެކަންތައް ކުރައްވަމުން ނުގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.  އަދި ދައުލަތުގެ އެއްވެސް މުދަލެއް އެއްވެސް ފަރާތަކަށް ވިއްކައި، ދޭން ޖެހޭނީ ވެސް ގާނޫނަކުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ އިރު، ދައުލަތުގެ ހަރު މުދާތައް ރައީސް ނަޝީދު ބޭނުން ފަރާތްކަށް ދެމުން ގެންދަނީ ގާނޫނުގެ އިމުން ބޭރުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ،" ކެބިނެޓް އިސްތިއުފާ ދީފައި ވެސް މި ބުނަނީ، ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނަސް އެ މީހުން ވަތްކެއް ވެސް ނުކުރެވޭނެއޭ. ކިހިނެއްކުރާނެ ކަމެއްތޯ އެއީ އަޅުގަނޑު ހިތަށް އަރާ. ބަލަ މި ގާނޫނު އަސާސީގެ ކޮންމެ އަކުރެއް ކޮންމެ ފިއްޔެއް ކޮންމެ މާއްދާއެއް މިވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށްފައޭ. ހިތަށްއެރި ގޮތަކަށް ކޮށްފައިއޮތް ކަމެއް ނޫނޭ އެއީ. އެއް ލަފްޒާއި އަނެއް ލަފްޒާ ދޭތެރޭ ސްޕޭސް ދީފައި އޮތް މިންވަރު ވެސް މިވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށްފައި އެއީ ނޭނގިގެން، ތަރުތީބެއްނެތި އޮޅުވާލެވިގެން ނޭނގިގެން ބަޔަކު މީހުން ޖެހި ކުޅިމަޖާގަނޑެއް ނޫން،" ގާސިމް ވިދާޅުވި އެވެ.ދިރާގުގެ ހިއްސާ ވިއްކާލި މައްސަލަ އާއި މާލޭ ބައިނަލްއަގްވާމީ ވައިގެ ބަނދަރާއި ސަރުކާރުން ބޭރު ބަޔަކާ ހަވާލު ކޮށްފައިވާ މައްސަލަ އަށް ފާޑު ވިދާޅުވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކޮށް އެތަނުން ފުރާ ކޮންމެ ޕަސިންޖަރެއްގެ އަތުން 27 ޑޮލަރު ނެގުމުން 25 އަހަރު ދުވަހުގެ ތެރޭގައި 1.3 ބިލިޔަން ޑޮލަރު ލިބޭ ކަމަށެވެ. އަދި އެ ތަނުން ލިބޭ އެހެނިހެން ފައިދާއަށް ބަލާއިރު 25 އަހަރަށް ބަހާލިއަސް 2.5 ބިލިޔަން ޑޮލަރަށްވުރެ ބޮޑު އެއްޗެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިވަރުބޮޑު އާމްދަނީއެއް ލިބޭ ތަނެއް އަޅުގަނޑުމެންގެ އަތްމަތިން ބީކޮށްލަނީ ކޮންފަދަ އެދުމެއް އޮވެގެންކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ."އެއީ އަޅުގަނޑުމެންގެ ކާބަފައިން ދަލާއި ލޭ އޮހޮރުވައިގެން ކުރި މަސައްކަތް. ދިވެހި ލޮބުވެތި ރައްޔިތުންގެ އަތުން ނަގާ ފައިސާއިން ހަމައެކަނި ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް 2.5 ބިލިޔަން ޑޮލަރު ލިބޭނެ. އަދި 27 ޑޮލަރު، އެއާޕޯޓުން ފުރައިގެންދާ ކޮންމެ މީހެއްގެ އަތުން ނަގާނެ. އެހެންކަމުން 25 އަހަރު ދުވަހުގެ ތެރޭގައި 1.3 ބިލިޔަން ޑޮލަރު ލިބޭނެ. އެމީހުން އެތަނަށް އިންވެސްޓް ކުރަނީ 370 މިލިޔަން ޑޮލަރު ކަމަށް ވަންޏާ އެ ކަނޑައިލީމަ ވެސް އެބަލިބޭ ގާތްގަނޑަކަށް 900 މިލިޔަން ޑޮލަރު އިތުރަށް. އެއީ ހަމައެކަނި ރައްޔިތުންގެ އަތުން ނަގާވަރު. ކޮބައިތޯ އެތަނުން ނަގާ ފައިދާ. އެ ފައިދާ އާއި އެ މުއްދަތުގައި އެތަނަށް އަންނާނެ ކުރިއެރުމަށް ބަލާއިރު އެއްވެސް ބަހުސެއްނެތި އެއީ ގާތްގަނޑަކަށް 2.5 ބިލިޔަން ޑޮލަރަށްވުރެ ބޮޑު އެއްޗެއް. އެވަރުގެ ކަމެއް އަޅުގަނޑުމެންގެ އަތްމަތިން ދޫކޮށް ބީކޮށްލަނީ ކޮން ފަދަ އެދުމެއް ފަހަތުގައި އޮވެގެން ބާވައޭ އަޅުގަނޑު ހިތައްއަރާ"'ގާސިމް އިބްރާހިމް އަދި ވިދާޅުވީ، މިހާރުގެ ގާނޫނު އަސާސީއަކީ މުޒާހިރާ ގާނޫނު އަސާސީ ކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު، މި ގާނޫނު އަސާސީ ވުޖޫދަށް ގެންނަވާފައި ވަނީ ރައީސް މައުމޫނުގެ މަސައްކަތްޕުޅުން ކަމަށެވެ. އެ ގޮތުން ގާނޫނު އަސާސީގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ރައީސް މައުމޫނު ތިން ފަހަރަށް ސިޓީ ފޮނުއްވެވި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރައީސް މައުމޫނުގެ އެއްބާރުލެއްވުމެއްނެތި، އެއްވެސް ލޭ އޮހޮރުމަކާނުލައި ސުލްހަވެރިކަމާއެކު ގާނޫނު އަސާސީ ވުޖޫދަށް ގެނައުމަށް ލާހިކުނުވީސް ކަމަށްވެސް ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ދިވެހި ގައުމު ރައީސް މައުމޫނަށް ދަރާފައިވާ ދަރަނި  އަދައި ނުކުރެވޭނެ ކަމަށާއި، އެކަމަށްޓަކައި އެ މަނިކުފާނަށް ޝުކުރު ދަންނަވާކަމަށް ވެސް ވިދާޅުވި އެވެ.ރައީސް މައުމޫނުގެ 30 އަހަރުގެ ދިގު މުއްދަތުގައި ކަންތައްތަކެއް ކުރައްވާފައިވާ ކަމަށާއި، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ގައުމުއޮތް ހާލަތާއި ވެރިކަން ނިންމާފައި ވަޑައިގެންނެވިއިރު ގައުމުގެ ހާލަތު ބަލައިލި ކޮންމެ މީހަކު އަންތަރީސްވާވަރު ވެފައިވާ ކަމަށް ވެސް މައުމޫނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަން ކުރެއްވި ގާސިމް  ވިދާޅުވި އެވެ.ރައީސް ނަޝީދުގެ ވެރިކަމުގައި ފާއިތުވި ދެ އަހަރު ގިނަ ކަންތައްތަކެއް ހާސިލްވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވާތީ އެކަމަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ، މި ސަރުކާރަށް އެއްވެސްކަމެއް ކުރެވިފައި ނުވާކަމަށެވެ. އަދި އޭނާ ފިނޭންސް މިނސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޖަޕާނުން ހޯދި ލޯނެއްގެ އެހީގައި ހަ ރަށެއްގެ ބަނދަރާއި 16 ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ އެއްބަސް ވުމުގައި ސޮއިކުރެއްވި ކަމަށާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އާ ބިލްޑިންގާއި، ޑިފެންސް މިނިސްޓްރީގެ އާ ބިލްޑިންގާއި ވެލާނާގޭ ބިލްޑިންގާއި ދާރުލްއާސާރުގެ އިމާރާތް ހުޅުވުނީ ފިނޭންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން އޭނާ ކުރެއްވި މަސައްކަތުގެ ސަބަބުންކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ރައީސް ނަޝީދު ރައީސް ކަމަށް ހޮއްވެވުމަށް މަސައްކަތް ކޮށްދެއްވީ، މި ގާނޫނީ ދުސްތޫރުގެ ތެރެއިން ކަންތައް ކުރައްވައި، އިހްލާސްތެރި ކަމާއެކު އަމާނާތްތެރި ކަމާއެކު ޒިންމާދާރު ކަމާއެކު ވެރިކަން ކުރައްވާނެ މީހެއް ކަމަށް ހީކުރައްވައިގެން ކަމަށާއި، ނަމަވެސް ވެރިކަމަށް ވަޑައިގެންނެވިތާ އެންމެ21 ދުވަހުގެ ތެރޭގައި އެގޮތަށް އެކަން ނުކުރައްވާނެކަން ޔަގީންވެ ވަޑައިގަތުމުން ސަރުކާރުން އިސްތިއުފާ ދެއްވީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ." ބަލަ އަޅުގަނޑު އޭނަ ހޮވަން މަސައްކަތް ކޮށްދިނީ މި ގާނޫނީ ދުސްތޫރުގެ ތެރެއިން ކަންތައް ކުރާނެ އިހްލާސްތެރިކަމާ އެކު، އަމާނާތްތެރިކަމާ އެކު، ޒިންމާދާރުކަމާ އެކު، ކަމެއްކުރާނެ މީހެއްކަމަށް ހީކޮށް. އެކަމަކު އެކަން ނުކުރާނެކަން 21 ދުވަސް ކުރިން ވެސް ޔަގީންވީމަ ދެން ކީއްކުރަން މިކަމުގެ ތެރޭގައި ހުންނަންވީ. ދިވެހި ރައްޔިތުން ދަންޖައްސަން. ރައީސް ނަޝީދަށް ވެރިކަން ހޯދައިދޭން މަސައްކަތް ކޮށްދެވުނީ އޮޅިގެން. އަދި މިއަދު ރައީސް ނަޝީދު މުޅިން ހައްދަވަނީ އިތުރުފުޅު. ނުކުރައްވާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ކުރައްވައި ނިންމަވައިފިކަން މިހާރު އެނގިއްޖެ އެކަމަށްޓަކައި، ނަޝީދު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން އަޅުގަނޑު ވާނީ މައާފަށް ވެސް އެދިފައި،" ގާސިމް ވިދާޅުވި އެވެ.ގާސިމް ވިދާޅުވީ، މިނިވަން އިންތިހާބުތަކުގެ ވާހަ ދައްކާއިރު، އާ ގާނޫނު އަސާސީގެ ދަށުން ރައީސް މައުމޫނުގެ ވެރިކަމުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ވަރަށް މިނިވަން އިންތިހާބެއް ކަމަށެވެ. ނަމަވެސް މި ވެރިކަމުގެ ތެރޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުހާ، ސަރުކާރުގެ ނުފޫޒުއޮތް އިންތިހާބެއް ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކުރިއަށްއޮތް ކައުންސިލްތަކުގެ އިންތިހާބަށް ވެސް ސަރުކާރުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ."ގާނޫނު ކޮބައިތޯ، ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި މި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ އަށްވަނަ ބާބު ކަނޑައެޅި ބަޔާންވެގެން އޮތް ހިނދު މުހައްމަދު ޝިހާބެއްކަމަކު ވިދާޅެއް ނުވެވޭނެ އިންތިހާބު ނިމެންދެން ކައުންސިލަރުން ބައިތިއްބާނަމެކޭ. މުހައްމަދު ޝިހާބަކަށް ނުބުނެވޭނެ. ކޮންމެ ފެމިލީއަކުން އަޔަސް މިގާނޫނު އަސާސީން މަށަށް ނޭގުނު އެއްޗެއް އެނގޭނެ މީހަކު ނޫޅޭނެ މި ދިވެހި ރާއްޖެއަކު،" ޤާސިމް ވިދާޅުވީ ރައީސް ނަޝީދާ ޚިޔާލު ތަފާތުވާ މީހުންނަށް ޖެއްސުންކޮށް ގޯނާ ކުރުމަކީ ރައީސް ނަޝީދު އަބަދުވެސް ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ. މިގޮތުން އެމްޑީޕީގެ ފުރަތަމަ ރައީސް އިބުރާހިމް އިސްމާއިލާއި އެމްޑީޕީގެ ދެވަނަ ރައީސް ޑރ.މުހައްމަދު މުނައްވަރާއި މުޙައްމަދު ޝިހާބު، އަދި މަވޯޓާ ޝަރީފު، ފަދަ އެތައް ބަޔަކަށް ގޯނާ ކުރައްވާފައިވާކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ