އަލަށް އިންތިހާބު ކުރެވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނިންމަވައިފި އެވެ.
ގާސިމްގެ ތަރުޖަމާން އިބްރާހީމް ހަލީލް މިއަދު ވަނީ މިކަން ވީނިއުސްއަށް ޔަގީންކޮށްދެއްވާފަ އެވެ.
ހަލީލް ވިދާޅުވީ ގާސިމް މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމެވީ މިހާރު މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުންނާއި އަދި 18 ވަނަ މަޖިލީހަށް އިންތިހާބުކުރެވުނު ގިނަ މެންބަރުން އެކަމަށް އެދިވަޑައިގަންނަވާތީ ކަމަށެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ކުރިމަތިލައްވާކަން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ވެސް އެމަނިކުފާނު ހިއްސާކުރައްވާފައިވާ ކަމަށް ޚަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ގާސިމް އިބްރާހީމް ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މީގެ ކުރިން އިޝާރާތް ވެސް ކުރައްވާފައިވާ ކަަމަށެވެ. އެހެންވީމަ މިކަމުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފުރިހަމަ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް ގާސިމް އިބްރާހީމް ޔަގީން ކުރައްވާ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ގާސިމް ނިންމެވިއިރު، ނިމިގެންދިޔަ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް 15 ގޮނޑި ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ. އަދި ޖުމްހޫރީ ޕާޓީ ބައިވެރިވާ ސަރުކާރު ކޯލީޝަންގައި ހިމެނޭ ޕީޕީއެމަށް 33 ގޮނޑި ލިބިފައިވާއިރު، އެމްޑީއޭއަށް ފަސް ގޮނޑި ވަނީ ލިބިފައިވާ ކަމަށް ވެސް ވަގުތީ ނަތީޖާ އިން ދައްކަ އެވެ. އެހެންކަމުން މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ސަރުކާރު ހިންގާ ކޯލީޝަނަށް ވަނީ ލިބިފަ އެވެ.
ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވިއިރު އެމަނިކުފާނު ވަނީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފަ އެވެ.
މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ގާސިމް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ