އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަންކޮށްފި

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އަބްދުﷲ ސައީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާއިން ފާސްކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު މިރޭ އައްޔަންކޮށްފައިވާއިރު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަގާމުން ވަކިކޮށްފައެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަންކޮށްފައިވަނީ 55 މެންބަރުންގެ އިއްތިފާގުންނެވެ. އޭނާ މި މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެއްވެސް ބޭފުޅަކު ވޯޓު ދެއްވާފައިނުވެއެވެ.
މި ވޯޓުގައި އެމްޑީޕީން ބައިވެރިވެވަޑައިނުގެންނެވުމަށް ތްރީ ލައިން ވިޕެއް ވަނީ ނަގާފައެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަން ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ ފަސް މެންބަރަކު ވާހަކަދެއްކެވިއެވެ. އެއީ އެމްޑީޕީގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ޕީޕީއެމްގެ ފަރާތުން ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި ޖުމްހޫރީ ޕާޓީގެ މެންބަރު އިބްރާޙިމް ހުސެއިން އާއި އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި އަދާލަތު ޕާޓީގެ މެންބަރު އަނާރާ ނައީމެވެ.
އިމްތިޔާޒް ފަހުމީ ވިދާޅުވީ މިއަދު މިފެންނަނީ މިރާއްޖެއަށް ހެޔޮ ނޭދޭ ބަޔަކު މިރާއްޖެ ހަލާކުކޮށްލާ މަންޒަރު ކަމަށާއި މިއަދަކީ ރާއްޖޭގެ ދިމުގުރާތީ ހަޔާތުގައި ވެސް އެންމެ ކަޅު ދުވަސް ކަމަށްވާތީ މި ދުވަސް ރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު، އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު ސަރުކާރުގެ އެދުމުގެ މަތިން ވަގަށް ނަގާފައި. އޭގެ ކުރިން އޮޑިޓަރ ޖެނެރަލް ވެސް ވަނީ ވަގަށް ނަގާފައި. އޭގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވެސް ވަނީ ވަގަށް ނަގާފައި. ގާނޫނުއަސާސީގައިވާ މިފަދަ ކަންކަން ފޭރެމުން، ވަޅުލަމުން ދާތީ ހިތާމަކުރަން." އިމްތިޔާޒް ވިދާޅުވިއެވެ.
ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ މިއަދު މިފެންނަނީ އެމްޑީޕީން ޝަރުއީ ދާއިރާ އިސްލާހު ކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ޝަރުއީ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތައް މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންނަވަން ފައްޓަވާފައިވާ ކަމަށެވެ.
"މި ފިޔަވަޅުގެ ސަބަބުން ޝަރުއީ ދާއިރާ އެތައް ގުނައަކަށް ކުރިއަށް ޖެހޭނެ. ފަނޑިޔާރު އަބްދުﷲ ސައީދަކީ ޝަރީއާ ލޯ، އަދި މެރިޓައިމް ލޯ އިން މާސްޓާސް ހައްދަވާފައި ހުންނެވި ބޭފުޅެއް. އަދި ގުރުއާން ހިތުދަސް ބޭފުޅެއް. އިންތިގާލީ މަރުހަލާގައި ވެސް އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން މަސައްކަތް ވެސް ކުރެއްވި ބޭފުޅެއް." ރިޔާޒް ވިދާޅުވިއެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާއަށް މުހިއްމު ބޮޑެތި ބަދަލުތަކެެއް ގެނެސްދެއްވި ބޭފުޅެއް ކަމަށާއި ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފު އަމަލެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އިބްރާހިމް ހުސެއިން ވިދާޅުވީ މިރެއަކީ ތާރީހީ ރެއަކަށް ވެގެންދާނެ ކަމަށާއި އަބްދުﷲ ސައީދަކީ ދިވެހި ގައުމުގެ އުއްމީދު ކަމަށެވެ. އަދި އަބްދުﷲ ސައީދަކީ ވަަރަށް ގާބިލް ތައުލީމް ބޭފުޅެއް ކަމުގައިވެސް އިބްރާހިމް ހުސެއިން ވިދާޅުވިއެވެ.
އަނާރާ ނައީމް ވިދާޅުވީ އަބްދުﷲ ސައީދުގެ ސަބަބުން ޝަރުއީ ދާއިރާ ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި މިރެއަކީ ތާރީހީ ރެއަކަށް ވެގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ