ޔާމީން ޖަލަށް ލާފައިވާ މައްސަލަ އިދިކޮޅުން އީޔޫއާ ހިއްސާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގެ ދަށުން އެމަނިކުފާނު ޖަލަށް ލާފައިވާ މައްސަލާގައި ހުރި ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަނުން ޔޫރަޕިއަން ޔުނިއަން (އީޔޫ) އާ ހިއްސާ ކޮށްފި އެވެ.
އީޔޫގެ ވަފްދެއް ރާއްޖެ އައިސް އުޅެނީ އެ ޖަމާއަތުން ދިވެހި ސަރުކާރާ އެކު ބާއްވާ ބައްދަލުވުމަކަށެވެ. މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެ ވަފުދުން ބައްދަލުކޮށްފައިވާއިރު، އެ ޖަމިއްޔާގެ ވަފުދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގޮސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ބައެއް މެންބަރުންނާ ވެސް ބައްދަލުކޮށްފަ އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، މަޖިލީހުގެ އިސް ބޭފުޅުންނާއި މެންބަރުންނާ އީޔޫގެ ވަފުދު ކުރި ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ރައީސް ޔާމީންގެ މައްސަލަ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
އީޔޫގެ ވަފްދުގެ އިސްވެރިއަކަށް ވަޑައިގެން އުޅުއްވާ، އެކްސްޓާނަލް އެކްޝަން ސާވިސް ފޯ އޭޝިއާ އެންޑް ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޕައުލާ ޕަންޕަލޯނީއާ ބައްދަލު ކުރައްވައި ޝަރީފް ވަނީ ޔާމީންގެ މައްޗަށް ޝަރީއަތް ކުރި ގޮތާ މެދު އޮތް ކަންބޮޑުވުން ހިއްސާ ކުރައްވާފަ އެވެ. އަދި އިދިކޮޅު ފަރާތްތަކަށް ދިމާވާ ދަތިތައް ވެސް ހިއްސާ ކުރެއްވި އެވެ.
"ރައީސް ޔާމީނަށް ނުހައްގު ދައުވާއެއް ކޮށް، ބޭއިންސާފުން ޝަރީއަތް ހިންގައިގެން ކުރި ހުކުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން އަޅުގަނޑުމެން ހިއްސާކޮށްފައިވާނެ، އަދި މިހާރު ރާއްޖޭގައި އޮތް ސިޔާސީ ހާލަތުގައި އިދިކޮޅު ފަރާތްތައް ދިމާވާ ދަތިތައް ވެސް ހިއްސާކޮށްފައިވާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. އެ މައްސަލާގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައުލަތަށް ދެއްކުމަށް ވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.
ރައީސް ޔާމީން ނިސްބަތްވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ގަބޫލު ކުރަނީ އެމަނިކުފާނުގެ މައްޗަށް އިއްވީ ނުހައްގު ހުކުމެއް ކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކަމާ ބެހޭ މުއައްސަސާތައް ހުށަހަޅަން ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް އިދިކޮޅު ކޯލިޝަން އިން ފެށި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ