މި ނިކުތީ ޔާމީން ވީމައެއް ނޫން، ގައުމުގެ ރައީސަށް ދިން ހަމަލާއެއް ވީމަ: ގާސިމް

ރިޔާސީ ލޯންޗުކޮޅުގެ ހާދިސާއަށްފަހު ރައީސް ޔާމީންގެ ފަހަތްޕުޅަށް އެރީ ކޮންމެހެން ޔާމީން ވީމަ ނޫން ކަމަށާއި، އެއީ ގައުމުގެ ރައީސަށް ދިން ހަމަލާއެއް ވީމަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ރޭ ވީޓީވީގެ “ފަސް މަންޒަރު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“ގައުމުގެ ވެރިއަކަށް ހުންނަ ބޭފުޅާ އަވަހާރަ ކޮށްލަން ހަމަލާ ދޭ ދަރަޖަ އަށް ދިޔައިމަ، ސިޔާސީ ފިކުރު އެއްފަރާތްކޮށްފައި ގައުމީ ކަމެއްގެ ގޮތުގައި ނުކުންނަން ޖެހޭ” ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަމުގައި އެދިވަޑައިގަތުމަކީ މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ހުރިހާ ބާރެއް ލައިގެން ސަރުކާރާ އެކުގައި އެންމެން ވެސް މަސައްކަތް ކުރުން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ސަރުކާރާ ވަކިވި ސަބަބުގެ ވާހަކަ ދައްކަން މި ވަގުތު ބޭނުން ނުވާ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް އެއް ހިތްވަރެއް ލައިގެން، އެއް ވާހަކައެއް ދައްކައިގެން ނޫނީ ގައުމު މިހާރު ވެއްޓިފައިވާ އަނދަވަޅުން އަރައިނުގަނެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
“ރައީސަށް އަމާޒުކޮށްގެން ދިން މި ހަމަލާގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ވާނެ، އޭގެ ނިކަމެތިކަން ލިބޭނީ ރައްޔިތުންނަށް، އަދި ގައުމު މިހާލަތަށް ވެއްޓުނީމަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހުންނަ މީހެއްގެ ބަދަލުގައި ސަރުކާރަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭ” ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިއީ ގައުމުގެ ސްޓެބިލިޓީއާ ގުޅުން ހުރި މައްސަލައެއް ކަމަށާއި ދެން ކޮންމެ ބަޔަކު ވެރިކަމަށް އެރި ނަމަވެސް އެ ބަޔަކު އަވަހާރަކޮށްލާނީ ކޮން އިރަކު، ކޮން ވަގުތަކު ކަމާމެދު މިހާރު ސުވާލު އުފެދޭ ކަމަށެވެ. އެހެންކަމުން މި އިތުބާރު ދެމެހެއްޓުމަށް ވެސް އެކަން ކުރި ބަޔަކު ވީއެންމެ އަވަހަށް ހޯދަން އެބަ ޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ  މި ހަމަލާ ދިނީ ކޮންމެ ފެންވަރެއްގެ ކޮންމެ މީހަކު ކަމުގައި ވިޔަސް އެ މީހަކު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ. އަދި މިކަމުގައި އެއްވެސް މީހެއްގެ މޫނަށް ކަނދުރާ އަށް ނުބެލުމަށްވެސް ގާސިމް އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ