މެއި އެއްވަނަ ދުވަހު މާލޭގައި ތިބި ކައުންސިލަރުންގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ކައުންސިލްތަކަށް އަންގާފައިވާތީ އެލްޖީއޭގެ ރައީސްކަމުން އުމަރު ނަސީރު ވަކިކުރެއްވުމަށް ވޯޓެއްނެގުމަށް އެލްޖީއޭގެ ބޯޑު މެމްބަރުންނަށް ގދ. ތިނަދޫ ކައުންސިލުން ގޮވާލައިފި އެވެ.
ތިނަދޫ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަ ކައުންސިލަރުން ސޮއިކުރައްވާ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެލްޖީއޭގެ ރައީސްގެ ހައިސިއްޔަތުން އެފަދަ އެންގުމެއް އުމަރު ނަސީރަށް ނޭންގޭނެ ކަމަށާއި ކައުންސިލަރުންނަކީ ރައްޔިތުންގެ އަޑުއުފުލާ ބަޔަކަށްވެފައި ރައްޔިތުންނަށް ދިމާވެފައިވާ އަނިޔާވެރިކަމާއި ދެކޮޅަށް ޝުއޫރު ފާޅުކުރާ އެއްވުމެއްގައި ބައިވެރިވުމަކީ އުމަރު ނަސީރު ކަންބޮޑުވެ ވަޑައިގަންނަވަންޖެހޭ ކަމެއް ނޫން ކަމަށެވެ.
"ގާނޫނޫ އަސާސީއިން ލިބިދީފައިވާ އެއްވެސް ހައްގެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންކަން ގާނޫނޫ އަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވޭ. އެހެންކަމުން އުމަރު ނަސީރުގެ ސިޓީއަކުން ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ މިނިވަންކަމާ ހައްގުތައް ހަނިކޮށް ހިފަހައްޓާ ނިގުޅައިގަތުމުގެ ބާރެއް ނޯންނާނެ،" ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ހިލާފު އެންގުންތައް އަންގާ ކައުންސިލްތަކުގެ ބާރުކުޑަކޮށް ކައުންސިލަރުން ބިރުގެންނެވުމުގެ ގޮތުން ނެރެވޭ އެންގުންތައް ހަރުއަޑުން ކުށްވެރިކުރާ ކަމަށާއި އެފަދަ ޣައިރު ގާނޫނީ އަމަލު ނުކުރެއްވުމަށް އުމަރު ނަސީރުގެ ކިބައިން އެދިވަޑައިގަންނަވާ ކަަަމަށެވެ. މީގެއިތުރުން އެލްޖީއޭގެ ރައީސްގެ ހައިސިއްޔަތުން އުމަރު ނަސީރު ހުންނަވާ ކައުންސިލްތަކުގެ ކުރިއެރުމަށް އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށް ތިނަދޫ ކައުންސިލުން ބުނެއެވެ.
ތިނަދޫ ކައުންސިލުން ބުނީ އެފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ޣައިރު ގާނޫނީ އަމަލުތަކުގެ ސަބަބުން މުޅި އެލްޖީއޭއަށް ހުތުރުނަމާއި މަލާމާތް ރައްދުވާތީ އެކަމާއި ހިތާމަކުރާ ކަމަށާއި އެހެންކަމުން އެފަދަ ކަންކަމުން ދުރުވެ އެލްޖީއޭ އަދާކުރަންޖެހޭ މުހިންމު ދައުރު އެންމެ ފުރިހަމައަށް އަދާކުރުމަށް ގޮވާލާ ކަމަށެވެ.
އެލްޖީއޭގެ ރައީސްކަމުން އުމަރު ވަކިކުރެއްވުމަށް ވޯޓެއްނަގަން ތިނަދޫ ކައުންސިލުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ