ތަށީގެ ވާހަކަ ދެއްކުމުގެ ކުރިން އެމެރިކާ އިން ގަބޫލުުކުރަންވީ ކޮންމެ މެޗަކުން ވެސް މޮޅުވެވޭނެކަން: ޕޮޗެޓީނޯ

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 21) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފައިވާ އެމެރިކާ އިން މުބާރާތުގެ ތަށި ހޯދުމުގެ ވާހަކަ ދެއްކުމުގެ ކުރިން އަމިއްލަ އަށް ގަބޫލުކުރަންވީ ކޮންމެ މެޗަކުން ވެސް މޮޅުވެވިދާނެކަން ކަމުގައި އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ. 
އެމެރިކާ އިން ފުރަތަމަ މެޗުގައި 4-1 އިން ޕެރަގުއޭ ބަލިކުރިއިރު، ދެ ވަނަ މެޗުގައި އޮސްޓްރޭލިއާ އަތުން 2-0 އިން މޮޅުވި އެެވެ. ދެ މެޗުން މޮޅުވެ، ބާކީ މެޗެއް އޮއްވައި، ގަދަ 32 ޓީމު ވާދަކުރާ ބުރަށް އެމެރިކާ ދަތުރުކުރިއިރު، ޕޮޗެޓީނޯ އަށް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ސުވާލުތަކެއް އަމާޒުވެފަ އެވެ. އެ ގޮތުން، އެއް ސުވާލަކީ މި ފަަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އެމެރިކާ އަށް ލިބުމުގެ ފުރުސަތު އޮތީ ކިހިނެއްތޯ އެވެ. 
"އުންމީދުކޮށް ގަބޫލުކުރަންވީ އަހަރެމެންނަށް ކޮންމެ މެޗަކުން ވެސް މޮޅުވެވިދާނެކަން. އެއީ ފުރަތަމަ ކަމަކީ. ދެ ވަނަ އަށް ކުރަން ޖެހޭ ކަމަކީ، ކޮންމެ މެޗަކަށް ވެސް ވީ އެންމެ ވަރުގަދަ އަށް ތައްޔާރުވާންވީ،" ޕޮޗެޓީނޯ ބުންޏެވެ. 
އެމެރިކާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި، ކްރިސްޓިއަން ޕުލިސިޗަށް އެ މެޗުގައި ދިމާވި އަނިޔާގެ މައްސަަލައަކާ ހެދި، ފިޓްނަސްގެ ކަންކަން އެންމެ ރަަނގަޅަށް ނެތުމުން އެމެރިކާ އިން އޮސްޓްރޭލިއާ އަތުން މޮޅުވި މެޗުގައި ޕުލިސިޗް ނުކުޅެ އެވެ. 
ޕޮޗެޓީނޯ ބުނީ، މި ލެވަލްގެ މުބާރާތެއް ކާމިޔާބު ކުރުމުގެ ވާހަކަ ދައްކާއިރު، ޓީމުގައި ތިބި އެންމެ މުހިންމު ކުޅުންތެރިން ފިޓްކޮށް ބަހައްޓައިގެން، އެންމެ މުހިންމު މެޗުތަކުގައި ކުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި، ޕުލިސިޗްގެ ބަދަލުގައި، އެ މަގާމަށް ދެ ވަަނަ މެޗުގައި ކުޅުނު 23 އަހަރުގެ ރިކާޑޯ ޕެޕީ ދެއްކި ކުޅުމަށް، ޕޮޗެޓީނޯ ތައުރީފުކުރި އެވެ. 
"ތެދެއް، މި ކަން ކުރެވޭނީ (ކާމިޔާބު ހޯދޭނީ) ހުރިހާ ރަނގަޅު ކުޅުންތެރިން ބޭނުންކޮށްގެން، ޕުލިސިޗަށް އަނިޔާވެގެން ނުކުޅެވުނުއިރު، ޕެޕީ އައިސް މި ސާބިތުކޮށްދިނީ އޭނާ އަށް ވެސް ވެދާނެކަން،" ކުރިން ޓޮޓެންހަމް ހޮޓްސްޕާސް، ޕީއެސްޖީ އަދި ޗެލްސީ އަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ. 
މިއީ، ފީފާ ވޯލްޑް ކަޕެއްގައި އެމެރިކާގެ އެންމެ ރަނގަޅު ފެށުމެވެ. އެ ޓީމުން، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުޅޭނީ، ފުރަތަމަ ދެ މެޗުން ބަލިވެ، ކަޓާފައިވާ ތުރުކީއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ