ނޯވޭގެ ޓީމު ވޯލްޑް ކަޕަށް ދިޔައީ 270 ކިލޯ މަސް ހިފައިގެން

އެމެރިކާގައި ކުރިއަށްދާ ވޯލްޑް ކަޕް މުބާރާތަށް ދިޔަ ނޯވޭގެ ޓީމުން އެއް ޓަނުގެ ކާނާ ގެންދިޔަ ކަމަށާއި އޭގެ ތެރޭގައި 270 ކިލޯގެ މަސް ހިމެނޭ ކަމަށް ބުނުމާ އެކު އެކަމަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.  
ބައެއް މީޑިއާތަކުން މިކަން ސިފަކޮށްފައިވަނީ ނޯވޭގެ ޓީމުން އެމެރިކާގެ ކާނާއަށް އިތުބާރު ނުކުރާތީ ކުރި ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް، މިއީ އެމެރިކާގެ ކާނާއާ މެދު އޮތް ނުތަނަވަސްކަމެއްގެ ސަބަބުން ކުރި ކަމެއް ނޫނެވެ. މިއީ ކުޅުންތެރިންގެ ހުނަރާއި ދައްކާ ކުޅުން އެންމެ މަތީ ފެންވަރުގައި ހިފެހެއްޓުމުގެ ގޮތުން ޕްލޭންކޮށްގެން ކުރި ކަމެކެވެ.
ސޭމަން، ޗީޒް އަދި 6،000 އޮރެންޖު: ނޯވޭ ޓީމުގެ ހާއްސަ ޑައިޓް
ނޯތު ކެރޮލައިނާގެ ގްރީންސްބޮރޯގައި ކޭމްޕުކޮށްފައިވާ ނޯވޭގެ ސްކޮޑަށް ދޭން ނިންމާފައިވަނީ އެ މީހުން ގައުމުގައި ވެސް އާންމުކޮށް ކާން ބޭނުންކުރާ މި ތަކެއްޗެވެ. ގައުމުން ބޭރުގައި ތިބިކަމުގެ އިހްސާސް ވެސް ކުޑަކުރުމުގެ ގޮތުންނެވެ. 
ގެންދިޔަ ކާނާގެ ތެރޭގައި އެތައް ސަތޭކަ ކިލޯއެއްގެ އެޓްލާންޓިކް ސޭމަން، ވައިޓް ފިޝް، 100 ކިލޯއަށްވުރެ ގިނަ "ބްރޫނޮސްޓް" (ނޯވޭގެ ސަގާފީ ބްރައުން ޗީޒް) އަދި އެތައް ހާސް އޮރެންޖެއް ހިމެނެ އެވެ. މީގެ އިތުރުން ޓީމާ އެކު ހާއްސަ ކައްކާއިންގެ ޓީމެއް ވެސް ދަތުރުކުރި އެވެ. ޖުމްލަ ގޮތެއްގައި މި ހުރިހާ ތަކެތީގެ ބަރުދަން އެއް ޓަނަށްވުރެ ބަރެވެ.
މިކަން ކުރި އަސްލު ސަބަބު
ސޯޝަލް މީޑިއާގައި މިއީ "އެމެރިކާގެ ކާނާއަށް އިތުބާރު ނުކުރާތީ" ކުރި ކަމެއް ކަމަށް ބުނި ނަމަވެސް، ޓީމުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ބޭނުމަކީ ކުޅުންތެރިންގެ ދުޅަހެޔޮކަމާއި ކުޅުން ދެމެހެއްޓުމެވެ. ކުޅުންތެރިން އާ މާހައުލެއްގައި ގިނަ ދުވަސްތަކެއް ހޭދަކުރާއިރު، ކާބޯތަކެތީގެ ސަބަބުން ދިމާވެދާނެ ބަދަލުތައް ނައްތާލުމަކީ މުހިންމު ކަމެކެވެ. ހާއްސަކޮށް ކުޅުންތެރިންގެ ހަށިގަނޑު ރިވަކުރުމާއި  ހަޖަމުކުރުމުގެ ނިޒާމަށާއި، ނިދުމުގެ ކޮލިޓީއަށް ބަދަލެއް އަޔަނުދިނުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި އޮތީ ނިންމައިފަ އެވެ.
ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ފުޓްބޯޅައިގައި މިފަދަ ލޮޖިސްޓިކްސް ކަންތައްތަކަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގައި ކުދިކުދި ކަންކަމަށް ވެސް ވަރަށް ބޮޑަށް ސަމާލުކަން ދެ އެވެ. އަދި ކުޅުންތެރިންގެ ކާނާއަކީ ޓްރެއިނިން އާއި ޓެކްޓިކްސް ފަދައިން މުހިންމު ކަމެއްގެ ގޮތުގައި ބަލައި، ގައުމުން ބޭރުގައި އުޅޭއިރު ވެސް އަމިއްލަ ގައުމުގެ ކައްކާއިންނާއި ކާނާ ބޭނުންކޮށްގެން ފުރިހަމައަށް ކޮންޓްރޯލް ކުރެވިފައިވާ މާހައުލެއް ކުޅުންތެރިން ގެންގުޅެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ