އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ވިޒިޓް މޯލްޑިވްސް (ވީއެމްސީ) އިން އެ ގައުމުގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ 'ގޯލްޑް މެޑަލް' އާއެކު މާކެޓިން ކެމްޕޭނެއް ފަށައިފިއެވެ. މި ކެމްޕޭނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ޓްރެވަލް އެޖެންޓުންނާއި ރީޓެއިލް ނެޓްވޯކްތަކާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭން ބަހާލެވިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. ފުރަތަމަ ބައިގައި ހިމެނެނީ އިނގިރޭސިވިލާތުގެ ބޮޑެތި ރީޓެއިލް ފިހާރަތަކާއި މަޝްހޫރު ޓްރެވަލް މަޖައްލާތަކުގައި ރާއްޖެ އިޝްތިހާރުކޮށް، އިންޑިއާ ކަނޑުގެ ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމެވެ.
މީގެ އިތުރުން، ޑިޖިޓަލް މާކެޓިންގެ ދަށުން ހާއްސަ ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާ ޕްރޮމޯޝަންތަކުގެ އިތުރުން ހާސްްގަނޑެއްހާ ޓްރެވަލް އެޖެންޓުންނަށް އަމާޒުކޮށްގެން އީމެއިލް މާކެޓިންގެ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އަދި ކޯލް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެއާ ބެހޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ވެސް ހިންގުމަށް ވަނީ ރޭވިފައެވެ.
ކެމްޕޭނުގެ ދެވަނަ ބައި އަމާޒުކޮށްފައިވަނީ ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމާއި މަތީ ފަންތީގެ ތަޖުރިބާތައް އިޝްތިހާރު ކުރުމަށެވެ. މީގެ ދަށުން ޕްރީމިއަމް ޓްރެވަލް އެޖެންސީތަކުގައި އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގެ ބްރޯޝާތައް ބެހެއްޓުމާއި، ލަގްޒަރީ ދަތުރުފަތުރަށް ހާއްސަ ވެބްސައިޓެއް އިފްތިތާހުކުރުން ހިމެނެއެވެ. އަދި ރާއްޖެއަށް ބުކިން ހަދާ އެޖެންޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން 'އިންސެންޓިވް' ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދާނެއެވެ.
އިނގިރޭސިވިލާތަކީ މިހާރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އެ ގައުމުން 83,000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ވީއެމްސީން ބުނި ގޮތުގައި މި ކެމްޕޭނުގެ ސަބަބުން އިނގިރޭސިވިލާތުގެ މާކެޓުގައި ރާއްޖެއަށް އޮތް ސަމާލުކަން އިތުރުވެ، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ހަދާ ބުކިންތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
އިނގިރޭސިވިލާތުން އަންނަ ފަތުރުވެރިން އިތުރުކުރަން ހާއްސަ ކެމްޕޭނެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ