ބޯހިޔާވަހިކަމުގެ ސްކީމަށް ހުށަހެޅި ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަން މަސައްކަތް ފަށައިފި

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅި ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ "ކްރޮސް ވެރިފިކޭޝަން"ގެ މަސައްކަތްތައް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ފަށައިފިއެވެ. "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތު މި މަހުގެ 15 އަށް ހަމަވިއިރު، ޖުމްލަ 58,505 ފޯމު ވަނީ ހުށަހަޅާފައެވެ. https://sun.mv/223467 މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ. މި ފޯމުތަކުގައިވާ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރާނީ ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ރެކޯޑުތަކަށް ބަލައިގެންކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ. ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް ޚާއްސަ 4,000 ފްލެޓާއި، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައި ނުވާ ފަރާތްތަކަށް 1,500 ފްލެޓާއި ޚާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓް ހިމެނެއެވެ. މީގެ އިތުރުން ރަސްމާލެއިން 25,000 ގޯތި ދޫކުރަން ނިންމާފައިވާއިރު، ފުރަތަމަ ބުރުގައި އެ ތަނުން 15,000 ގޯތި ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މި ފަހަރުގެ ސްކީމްގައި ބޭނުންކުރި ޕޯޓަލް ފަރުމާކޮށްފައިވަނީ ފޯމު ހުށަހަޅާއިރު ޝަރުތު ހަމަވާކަން އެނގޭނެ ގޮތަށާއި، ޕޮއިންޓް ލިބޭ ގޮތުގެ ތަފުސީލު ފެންނާނެ ގޮތަށެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިހާރު ފަށާފައިވާ ފްލެޓް މަޝްރޫއުތަކުގެ މަސައްކަތް މި ދައުރުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައި އެއްކޮށް ނިންމައި ހަވާލުކުރެވޭނެއެވެ. https://sun.mv/223418 ކްރޮސް ވެރިފިކޭޝަންގެ މަސައްކަތްތައް ފަށާފައިވީ ނަމަވެސް، މި މަސައްކަތް އެއްކޮށް ނިންމާލެވޭނޭ ދުވަހެއް ސީދާ ބުނަން އަދި ނޭނގޭ ކަމަށް މިނިސްޓްރީން ބުނެއެވެ. މި މަސައްކަތަކީ ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން އެންމެނަށް ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ