އަލަތު ދަރިފުޅު ލިބޭތީ ޑޯކޫ ބެލްޖިއަމް ޓީމު ކޭމްޕް ދޫކޮށްލާނެ

ސިއޭޓަލް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 21) - ބެލްޖިއަމް ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި، ޖެރެމީ ޑޯކޫ އަށް އަލަތު ދަރިއަކު ލިބޭތީވެ، އޭނާ ބެލްޖިއަމް ގައުމީ ޓީމު ކޭމްޕް ދޫކޮށް އާއިލާ އަށް ވަަގުތު ދޭން ނިންމާފައިވާ ކަމަށް ބުނެފި އެވެ. 
ޑޯކޫގެ އަނބިމީހާ ޝިރީން ވިހުމަށް ޑިއު ޑޭޓް ދީފައިވަނީ، އަންނަ މަހުގެ ދެ ވަނަ ހަފްތާ އަށެވެ. އެހާތަނަށް ޑޯކޫ ވަނީ އާއިލާ ކައިރިއަށް ދިއުމަށް ނިންމައިފަ އެވެ. އަދި، އޭރު ބެލްޖިއަމުން މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރަމުން އައި ނަމަވެސް ޓީމުގެ ކޭމްޕް ދޫކޮށްލާނެ ކަމަށް ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ޑޯކޫ ވަނީ ބުނެފަ އެވެ.
ޖުލައި މަހުގެ ތެރޭގައި ޑޯކޫ ޓީމުގެ ކޭމްޕް ދޫކޮށްލަން ނިންމާއިރު، ބެލްޖިއަމް މުބާރާތުގައި އޮތްނަމަ، އެ ޓީމުން ވާދަކުރަން ތައްޔާރުވާނީ ކުއާާޓާ ފައިނަލުގަ އެވެ. 
"މިއީ އަހަރެންގެ ފުރަތަމަ ދަރި، އެހެންވީމަ، އަހަރެން ޔަގީނުން ވެސް އެ ތަނުގައި ހުންނަން ބޭނުންވާނެ. އަހަރެންގެ ޖަވާބަކީ ވެސް އެއީ. ކޮންމެ މީހެއް ކައިރީގައި ވެސް ތި ސުވާލު ކުރަންވީ ހަމަ. އެއްވެސް މީހެއް އަލަތު ދަރިއަކު ލިބޭ ވަގުތު އެތަނުގައި ނުހުރެ އެހެން ތަނެއްގައި ހުންނަން ބޭނުމެއް ނުވާނެ،" ޑޯކޫ ބުންޏެވެ. 
ބެލްޖިއަމުން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި މިސްރާ އެއްވަރުވިއިރު، އެ މެޗުގައި، ބެލްޖިއަމުން ނެރުނު ފުރަތަމަ އެގާރައިގައި ޑޯކޫ ވަނީ ކުޅެފަ އެވެ. ޑޯކޫ ބުނީ، އާއިލާ އަށް ވަގުތު ދޭން އޭނާ ނިންމައިފިނަމަ، ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަނުން އެ ފުރުސަތު ދޭނެ ކަމަށެވެ. 
"މި ބަލަނީ ދެން މި ކަމުގައި ހެދޭނެ ގޮތެއް،" ޑޯކޫ ބުންޏެވެ. 
މެންޗެސްޓާ ސިޓީ އަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ޑޯކޫގެ މި އިންޓަވިއު އަށް އެކި ޝުއޫރުތަކާއި ފާޑުކިޔުންތައް އަމާޒުވި އެވެ. އެ ގޮތުން، ފްރާންސްގެ ލެކިއުޕޭގެ ޕްރެޒެންޓަރު، ފްރާންސް ޕިއޭރަން ވަނީ، ޑޯކޫގެ މި ނިންމުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ބުނެ، ދަރިއަކު ލިބޭ ވަގުތު ބައްޕައަކު ކުރަން ޖެހޭ މާ ބޮޑު ކަމެއް ނެތް ކަމަށް ބުނެފަ އެވެ. ޕިއޭރަންގެ މި ވާހަކައާ ގުޅިގެން އޭނާ އަށް ގިނަ ބަޔެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ. 
ޕިއޭރަންގެ މި ވާހަކަތަކާ ގުޅިގެން، އޭނާއާ ދެކޮޅަށް ވާހަކަ ދައްކައި، ޝުއޫރުފާޅުކުރި އެތައް ބަޔަކު ވަނީ ޑޯކޫގެ މި ނިންމުމަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. 
މި ފަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމުން ކުޅޭ ދެ ވަަނަ މެޗުގައި މިރޭ އިރާނާ ދެކޮޅަށް ނުކުންނައިރު، ބަލިވެ އުޅޭތީ މި މެޗުގައި ޑޯކޫ ނުކުޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ