ރަޖިސްޓްރީ ކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސަނަދު ދޫކުރުމުން އެވިޑް ކޮލެޖު ޖޫރިމަނާކޮށްފި
ރަޖިސްޓްރީ ކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކޮށްފައިވާތީ އެވިޑް ކޮލެޖު ޖޫރިމަނާކޮށްފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީ (އެމްކިއުއޭ)އިން މިއަދު ބުނެފިއެވެ. އެމްކިއުއޭއިން ވަނީ އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައާ ގުޅިގެން މިއަހަރުގެ ކުރީކޮޅު އެ މަރުކަޒަށް ނަސޭހަތްތެރިވެ ފިޔަވަޅު އަޅައި އެކަން އާންމުކޮށް އިއުލާނު ކޮށްފައެވެ. މިއަދު އެ އޮތޯރެޓީއިން ވަނީ އޭގެ ފަހުން ވެސް ރަޖިސްޓްރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށް ބުނެފައެވެ. އެހެންކަމުން އެކަން ތަކުރާރު ނުކުރުމަށް އެވިޑް ކޮލެޖަށް އަންގައި އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖް މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށް އެމްކިއުއޭއިން ވަނީ ބުނެފައެވެ. https://x.com/mqamaldives/status/2068656929845690467 އެމްކިއުއޭއިން ވަނީ އެ އޮތޯރިޓީގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި، އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާ ބެހޭ ގަވާއިދާ ހިލާފަށް ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ މަނާކަމެއްކަން ފާހަގަކޮށްފައެވެ. އެހެންކަމުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާ މެދު ބައިނަލްއަގްވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމުގެ ފުރުސަތު ބޮޑުކަން އެ އޮތޯރެޓީއިން ވަނީ ފާހަގަކޮށްފައެވެ. އެ އޮތޯރެޓީއިން ވަނީ އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ނުވަތަ ހިންގުމުގެ ކުރިން، އެއީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އާންމުންނަށާއި ތައުލީމީ މަރުކަޒުތަކަށް އިލްތިމާސްކޮށްފައެވެ. އެމްކިއުއޭއިން ދޫކޮށްފައިވާ އެކްރެޑިޓޭޝަނާ ޚިލާފަށް އެވިޑު ކޮލެޖުން ލަންކާގައި ޕްރޮގްރާމުތަކެއް ހިންގާތީ، އެ ކޮލެޖަށް ނަސޭހަތްދީފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ކުރީކޮޅުގައެވެ. https://sun.mv/216227 އެމްކިއުއޭއިން އޭރު ބުނީ އެވިޑު ކޮލެޖުން ހިންގުުމަށް ހުއްދަ ދީފައިވާ ބައެއް ޕްރޮގްރާމުތައް, އެމަޒޯން ކޮލެޖާއި އަލްޒެޓު ޔުނިވާސިޓީގައި ފުރިހަމަކޮށް، ގްރެޖުއޭޓުވެގެން ހޯދާފައިވާ އެވިޑު ކޮލެޖުގެ ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ޚިލާފަށް ކޯސްތަކެއް ހިންގަން އެވިޑް ކޮލެޖުން އިޝްތިހާރު ކުރި މައްސަލައެއް 2022 ވަނަ އަހަރުގެ ޑިސެމްބަރު 29ގައިވެސް ފެންމަތިވިއެވެ. އެކަމާ ގުޅިގެން އޭރު އެ ކޮލެޖުން ބުނީ އެމްކިއުއޭއިން އެކްރެޑިޓް ނުކުރާ ކޯހެއް އެވިޑް ކޮލެޖުން ނުހިންގާ ކަމަށާއި އެ ފަދަ ކޯހެއްކަމަށް ބުނެ ދައްކާ ވާހަކައަކީ ކޯހުގެ އިޝްތިހާރު ހެދުމުގައި ލިޔެވުނު ކުށެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ