ހަފްތާއެއްތެރޭ 15،700 އަށްވުރެ ގިނަ ތަންތަން ޗެކްކޮށް، 59 މީހަކު ހައްޔަރަށް

ހަފްތާއެއްތެރޭ 15،700 އަށްވުރެ ގިނަ ތަންތަން ޗެކްކޮށް، 59 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މާލެ ސަރަޙައްދުގައި އަމާންކަން ދެމެހެއްޓުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތްކޮށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން، މި މަހުގެ 7 އިން 13 އަށް މާލެ ސަރަހައްދުގެ 15,798 ތަނެއް ފުލުހުން ވަނީ ޗެކްކޮށްފައެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މާލޭގެ ފްރަންޓްލައިން ޕޮލިސިންއިން 6,519 ތަނެއް ޗެކްކޮށް، 172 ހާދިސާއަށް އެޓެންޑުވެ، 22 މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ހުޅުމާލޭގައި 6,486 ތަނެއް ޗެކްކޮށް، 128 ހާދިސާއަށް އެޓެންޑުވެ، 18 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މީގެއިތުރުން، ތިލަފުށީގައި 2,249 ތަނެއް ޗެކްކޮށްފައިވާއިރު، 9 ހާދިސާއަށް އެޓެންޑުވެފައިވެއެވެ. ނަމަވެސް، އެ ސަރަހައްދުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ.
ހަމައެއާއެކު، ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުން 544 ތަނެއް ޗެކްކޮށްފައިވާއިރު، 16 ހާދިސާއަކަށް އެޓެންޑުވެ، 19 މީހަކު ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ބުނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޓްރެފިކް ޕޮލިސްއިން 45 ހާދިސާއަކަށް އެޓެންޑުވެފައިވާކަމަށެވެ.
ކުށް މަދުކުރުމަށްޓަކައި މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ދަނީ ކައުންސިލްތަކާއި ގުޅިގެން ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަކޮށް ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުދުއްވުމަށާއި މަގުމަތީގެ ގަވާއިދުތަކަށް އަމަލުކުރުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ