ގައްދޫން ދިވެހި ޕްރިމިއާ ލީގުގެ ފަހު ޖާގަ ހޯދައިފި

ޓީސީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެ، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މެދުވެރިކޮށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ލިބޭ ފަހު ޖާގަ ހޯދައިފި އެެވެ. 
މި މެޗަށް ނުކުތްއިރު، ޓީސީގެ އިތުރުން، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫ އާއި މާލެ ރީޖަން ލީގުގެ ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް އިން ވަނީ އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަ ލީގުން ޖާގަ ހޯދައިފަ އެެވެ.
ޓީސީ އަތުން މޮޅުވެ، ގައްދޫން ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުމާ އެކު، ސެންޓަރަލް ރީޖަން ލީގުގެ ޗެމްޕިއަން، ކ. ހުރާ އާއި 2017 އިން ފެށިގެން ދިވެހި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ކްލަބް ގްރީން ސްޓްރީޓްސް އަށް ފުރުސަތު ގެއްލުނީ އެވެ. 
ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގެ އެއް ވަނައިގައި ބިސް ބުރު އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓީސީ އާއި ތިން ވަނައިގައި އޮތް ދިއްދޫ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ. ހަތަރެއްގައި އޮތް ގައްދޫ އަށް ހަތަރު މެޗުން ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. 
ފަސް ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ ހަތަރު މެޗުން ދެ ޕޮއިންޓް ހޯދައިގެންނެވެ. އަދި، ހުރާ އެންމެ ފުލުގައި އޮތީ ހަތަރު މެޗުން އެއް ޕޮއިންޓާ އެކު އެވެ. 
ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮއްވައި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގެ ގަދަ ހަތަރެއް ކަށަވަރުކޮށް އަންނަ ސީޒަނުގެ ލީގުގެ ޖާގަތައް މި ވަނީ ޔަގީންވެފަ އެވެ. 
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ޓީސީ ކޮޅަށް ގައްދޫން ހަމައެކަނި ލަނޑު ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 14 މިނިޓަށް ވެފައި ވަނިކޮށެވެ. އެ ގޮތުން، މެޗުގެ 76 ވަނަ މިނިޓްގައި މި ގޯލު ކާމިޔާބުކުރީ، ގައްދޫ އަށް ކުޅޭ ކެމަރޫންގެ ކުޅުންތެރިޔާ، ޑޮނާލިއޯ މެލާޝިއޯ ޑުއާންލާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ