ވަގު ޓީޓީ ހެދި މައްސަލަ: ޝިފާއުގެ މައްސަލަތައް ހައިކޯޓަށް ބަލައިގެންފި

ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި، 109 އަހަރަށް ޖަލަށް ލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ހުސެއިން ޝިފާއު އެ މައްސަލަތައް ހައިކޯޓަށް ބަލައިގެންފިއެވެ. ޝިފާއުގެ މައްޗަށް, ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޖުމުލަ 23 ދައުވާއެއް އުފުލިއިރު، އެ ހުރިހާ ދައުވާއެއް ވެސް ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ. މި މައްސަލަތަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ނަދީމް ވަކިވަކިން އިއްވި އަދަބުތަކުގެ ޖުމުލައަކީ 109 އަހަރެވެ. އަދި، ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ވެސް ކުރިއެވެ. މި ހުކުމް ޝިފާއުގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު މަހެވެ. އެ މައްސަލަތައް ހައިކޯޓަށް ހުށަހެޅީ މިދިޔަ މާރިޗު މަހެވެ. މައްސަލަތައް މިހާރު ހައިކޯޓަށް ރަޖިސްޓްރީކޮށްފައި ހުރި ނަމަވެސް މައްސަލަތައް ފެށޭނެއިރެއް އަދި ނޭނގެއެވެ. ޝިފާއުގެ މައްޗަށް 109 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް، އެ މައްސަލާގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ، އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށް މި މައްސަލަ ބައްލަވާ ގާޒީ ކުރިން ވަނީ ނިންމަވާފައެވެ. ޝިފާއު ވަގު ޓީޓީ ބޭނުންކުރި މައްސަލައިގައި 2021 ވަނަ އަހަރު ވެސް ފުލުހުން ހޯދަން އިއުލާންކުރިއެވެ. އެ މައްސަލައިގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28ގައި އޭނާ ހައްޔަރު ވެސް ކުރިއެވެ. އެކަމަކު އޭނާ ދޫކޮށްލުމުން އޭނާ ފުރައިގެން ދިޔައީ ރާއްޖޭން ބޭރަށެވެ. އޭގެ ފަހުން އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. އަދި، ފިލައިގެން އުޅުމަށް ފަހު ރާއްޖެ އައުމާއެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓިއެވެ. ޝިފާއުއަކީ މި ސަރުކާރުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ކުރިން އައްޔަންކުރި މީހެކެވެ. އެކަމަކު، އޭނާ ވަނީ ކުއްލިއަކަށް މަގާމުން ވަކިކޮށްފައެވެ. އެކަމަކު އޭނާ ވަކިކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ