އެޗްޑީސީގެ ޑިރެކްޓަރު އިސްމާއިލަށް ތޫނު އެއްޗަކުން ހަމަލާދިން މީހަ ހައްޔަރުކޮށްފި

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާއިލް އަބްދުއްރަޙްމާނަށް މިރޭ ތޫނު އެއްޗަކުން ހަމަލާ ދިން މީހާ ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ހުޅުމާލޭ ފޭސް ދޭއްގެ ފަރުކޮޅުފުށީ ހިއްކި ސަރަހައްދުގައި މާރާމާރީއެއް ހިންގި ކަމަށް މިރޭގެ 18:37 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެ ހުޅުމާލެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. ފުލުުހުން ބުނީ އެ މާރާމާރީގައި ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެމީހުންގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މާރާމާރީގައި އަނިޔާވި ދެ މީހުންގެ ތެރެއިން 21 އަހަރުގެ މީހާ ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށާއި މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި އޭނާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިސްމާއިލަކީ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި 2022 ވަނަ އަހަރު ހައްޔަރުކުރި ތިން މީހންގެ ތެރެއިން އެކަކެވެ. އަދި އޭނާއަށް ވަނީ އޭގެ އެއް މަސް ފަހުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާއެއް ކޮށްފައެވެ. ނަމަވެސް ހެކި ނެތް ކަމަށް ބުނެ 2023 ވަނަ އަަހަރު ކޯޓުން ވަނީ އެ ދައުވާތައް ބޭރުކޮށްލާފައެވެ. އޭރު އިސްމާއިލް ހުރީ ފައިގައި ޓެގް އެޅުވުމަށް ފަހު ގެއަށް ދޫކޮށްލާފައެވެ. އެޗްޑީސީގެ ޑިރެކްޓަރުގެ ވަޒީފާއަށް އޭނާ އައްޔަންކުރީ 2024 ވަނަ އަހަރުގެ ޖެނުވަރީ މަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ