ލޯކަލް މާރުކޭޓު ހުރި ބިމުގައި އާ މަސްމާރުކޭޓެއް އެޅުމަށް މާލޭ ސިޓީ ކައުންސިލުން އަމިއްލަ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްދޭން އެ ކުންފުނިން އަމިއްލައަށް އެދުނު ނަމަވެސް، ކައުންސިލުން އޮތީ އެކަން ނުކޮށް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މާލޭގެ ހުރިހާ މާރުކޭޓެއް އެއް ތަނަކަށް ބަދަލުކުރާ ގޮތަށް ލޯކަލް މާރުކޭޓު ހުރި ބިމުގައި ފަސް ބުރީގެ ”ވެޓް މާކެޓް ކޮމްޕްލެކްސް“ އެއް އަޅަން މި ސަރުކާރުން ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު ހަވާލުކޮށްފަ އެވެ.
ނަމަވެސް އެކަން ނުފެށި ލަސްވަނީ މާލޭ ސިޓީ ކައުންސިލުގެ ސަބަބުން ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމާ މިނިސްޓްރީ އާއި ސިޓީ ކައުންސިލާ ދެމެދު ދަނީ ކޯޅެމުންނެވެ.
އިންފްރާންސްޓްރަކްޗާ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ”ވެޓް މާކެޓް“ މަޝްރޫއުއަށް އެ ބިން ހަވާލުކޮށްދޭން ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދުނު ނަމަވެސް، އެ ބިން ހަވާލުކުރެވެން ނެތް ކަމަށް ބަޔާންކޮށް ކައުންސިލުން މިދިޔަ މަހުގެ 20 ގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ބިން ހަވާލުކުރެވެން ނެތް ސަބަބެއް ކަމަށް ސިޓީ ކައުންސިލާ ހަވާލާދީ މިނިސްޓްރީން ބުނީ، 9 މާޗު 2023 ގައި އެ ކައުންސިލާއި ހައިރު އިންޖިނިއަރިން ކޮންސަލްޓަންސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ސަރަހައްދު ތަރައްގީކުރަން ހަވާލުކޮށްފައިވުމެވެ. އަދި ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުން ބާތިލުކުރުމަށް ފަހުގައި ކަމަށްވެސް ކައުންސިލުން ބުނެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
”މި މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްވެސް ބަދަލަކާ ނުލައި އެއްބަސްވުން ބާތިލުކުރުމަށް ހައިރު އިންޖިނިއަރިން ކުންފުނީގެ ފަރާތުން ކައުންސިލަށް ވަނީ ސިޓީ ފޮނުވައިފައެވެ. ނަމަވެސް، މިއަދާ ހަމައަށްވެސް އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކައުންސިލުން ކޮށްފައިނުވެ އެވެ“ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ މާލޭ ސިޓީ ކައުންސިލުން އެ މަޝްރޫއު ކުރިން ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިތައް ހެދުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، އެ އެއްބަސްވުން ބާތިލުކުރުމަކީ އެއްވެސް ހުރަހެއް އޮތް ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.
އަދި ”ވެޓް މާކެޓް“ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަނީ ސިޓީ ކައުންސިލުން ޕްލޭންކޮށް ޑިޒައިން ކޮށްފައިވާ ގޮތަށް ކަމަށާއި ކައުންސިލުން މަސައްކަތް ނުކޮށް އޮތުމުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ މަގުސަދެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މާރުކޭޓުގެ އެއްބަސްވުން ބާތިލު ކޮށްދޭން ކައުންސިލުގައި އެދުނު، އެކަން ނުކުރި: މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ