ވޯލްޑް ކަޕްގެ އެޗްގައި ސައުދީ އަރބިއާގެ މައްޗަށް 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން، ކުރި ހޯދައި މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދު ދަމަހައްޓައިފި އެވެ.
ސްޕެއިންގެ ފުރަތަމަ މެޗުގައި، އެޓީމު ވަނީ، އަލަށް ވާދަކުރާ ކޭޕް ވާޑޭ އަތުން އެއްވަރު ވެފަ އެވެ.
ފުރަތަމަ ހާފު ސްޕެއިނުން ނިންމާލީ 3-0 ގެ ލީޑަކާ އެކު އެވެ. މެޗުގެ ކުރީކޮޅުން ފެށިގެން ސްޕެއިނުން ދިޔައީ މެޗު ކޮންޓްރޯލް ކުރަމުންނެވެ.
މެޗުގެ 10 ވަނަ މިނެޓުގައި ސްޕެއިނަށް ލީޑު ނަގައިދިނީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލެވެ. މިއީ އޭނާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ. މިއީ އޭނާގެ ފުރަތަމަ ވޯލްޑް ލަނޑެވެ. އޭނާ މި ލަނޑު ޖެހީ މިކޭލް އޮޔާޒަބާލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ސްޕެއިނުގެ ދެވަނަ ލަނޑު ޖެހީ އޮޔާޒަބާލްއެވެ. ސައުދީގެ އޭރިއާ ތެރޭގައި އުފެދުނު ހަލަބޮލިކަމެއްގެ ތެރެއިން އޭނާ ބޯޅަ ގޯލަށް ފޮނުވާލިއެވެ. މި ބޯޅަ ސައުދީގެ ކީޕަރު މުހައްމަދު އަލްއުވައިސްއަށް ދިފާއެއް ނުކުރެވުނެވެ.
އޭގެ ތިން މިނެޓު ފަހުން ސްޕެއިނުން ތިންވަނަ ލަނޑު ޖެހި އެވެ. މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑުވެސް ޖަހައިދިނީ އޮޔާޒަބާލްއެވެ. އޭނާ މި ލަނޑު ޖެހީ އަރިމަތިން އައި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. މިއީ މި މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.
މެޗުގެ 35 ވަނަ މިނެޓުގައި އޮޔާޒަބާލްއަށް ހެޓްރިކް ފުރިހަމަކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ސައުދީ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ އޭނާ ނެގި އެވެ. އެކަމަކު އޭނާ ދުރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެވަނަ ހާފު ފެށިގެން ގިނައިރެއް ނުވެ ސްޕެއިނުން ލީޑް ފުޅާކުރި އެވެ.
މި ލަނޑަކީ ސައުދީ ކޮޅަށް ވަން ބައިގޯލެކެވެ. މާކް ކުކުރެއްޔާ ފޮނުވާލި ބޯޅަ ސައުދީގެ ޑިފެންޑަރު ހަސަން އަލްތަމްބަކްތީ ގައިގައި ޖެހިފައި ގޯލަށް ވަނީއެވެ. ކީޕަރު އަލްއުވައިސްއަށް އެ ބޯޅަ މަތައެއް ނުކުރެވުނެވެ.
މެޗުގެ 87 ވަނަ މިނެޓުގައި ކުޅުން ވަގުތުކޮޅަކަށް މެދުކަނޑާލަން ޖެހުނެވެ. އެއީ ސައުދީގެ ދެ ކުޅުންތެރިން ކަމަށްވާ އަލާ އަލްހާޖީ އާއި މުހައްމަދު ކަންނޯ އެއްފަހަރާ ބޯޅައިގައި ބޮލުން ޖެހަން އުޅުމުން، ނުރައްކާތެރި ހާދިސާއެއް ހިނގުމުންނެވެ.
މި ހާދިސާގައި ކަންނޯގެ ބޯ ފަޅައިގެން ގޮސް ވަރަށް ބޮޑަށް ލޭ އައެވެ. ދަނޑުން ބޭރުގައި ސިއްހީ އެހީތެރިން އޭނާއަށް ފަރުވާ ދިނެވެ. ފަރުވާއަށް ފަހު މެޗުގެ ފަހު މިނެޓުތައް ކުޅެން އޭނާ އަލުން ދަނޑަށް އެރިއެވެ.
މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ސްޕެއިނުން ނަތީޖާ ތފާތު ބޮޑު ކުރި ކަމަށް ބެލެވުނެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެރާން ޓޮރޭޒް ވަނީ މިކޭލް މެރީނޯ ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން ސައުދީގެ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. މެރީނޯ ދިން ބޯޅަ ހިފައިގެން ކުރިއަށް އަރައި، ޓޮރޭޒް ވަނީ ސައުދީގެ ކީޕަރު އަލްއުވައިސް ބީޓްކޮށް ބޯޅަ ގޯލަށް ފޮނުވާލާފަ އެވެ.
އެކަމަކު ވީއޭއާރުން ދެއްކީ، އޮފްސައިޑް ކަމަށެވެ.
ޔަމާލްގެ ފުރަތަމަ ވޯލްޑް ކަޕް ލަނޑާއި އޮޔާޒަބަލްގެ ދެ ގޯލުން ސްޕެއިނުން ހަމަނޭވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ