ސަރުކާރުން ޑިމާންޑު ކުރަނީ އެއްބަސްވުން ބާތިލްނުކޮށް ނަމަވެސް މަސް މާރުކޭޓު އަޅާ ބިން ހަވާލު ކުރަން

މާލޭގެ މަސް މާރުކޭޓު ތަރައްގީ ކުރަން ކުރިން ހަދާފައި އޮތް އެއްބަސްވުން ބާތިލްނުކޮށް ނަމަވެސް ސަރުކާރާ ބިން ހަވާލު ކުރަންޖެހޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނެފި އެވެ. 
"މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އިމާރާތް ކުރަނީ މަސް މާރުކޭޓު ކުރިމަތިން އޮތް ލޯކަލް މާރުކޭޓުގަ އެވެ. އެތަން ހަދަން ބަޔަކާ ހަވާލު ކުރީ މިދިޔަ މާޗު މަހުގެ ތެރޭގައި 126 މިލިއަން ރުފިޔާއަށެވެ. 
އެކަމަކު، އެތަނުގައި ވެޓް މާކެޓެއް އަޅަން ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ވެސް އޮތީ ބަޔަކާ ހަވާލުކޮށްފަ އެވެ. އެއީ 146 މިލިއަން ރުފިޔާގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށްގެންދަން ބިން ވެސް އޮތީ ހަވާލުކޮށްފަ އެވެ. 
ކުރީގެ އެއްބަސްވުން ބާތިލް ކުރުމަށްފަހު މެނުވީ ބިން ހަވާލު ނުކުރެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ދަނީ ބުނަމުންނެވެ. ނަމަވެސް މިއަދު ނެރުނު ބަޔާނެއްގައި ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނީ  އެއްބަސްވުން ބާތިލް ކުރަން ހުރަހެއް ނެތް ކަމަށާއި އެއްބަސްވުން ބާތިލް ނުކުރި ނަމަވެސް ސަރުކާރާ ބިން ހަވާލު ކުރެވޭނެ ކަމަށެވެ. 
"މާލޭ ސިޓީ ކައުންސިލުން މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނިް، ވަގުތީ ގޮޅިތައް ހެދުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ އެ މަޝްރޫއުގެ އެއްބަސްވުން ބާތިލް ކުރުމަކީ އެކަމުގައި އެއްވެސް ހުރަހެއް އޮތް ކަމެއް ކަމުގައި މި މިނިސްޓްރީ އިން ނުދެކެން. އަދި އެ އެއްބަސްވުން ބާތިލް ނުކުރި ނަމަވެސް އެ ބިން ސަރުކާރާ ހަވާލު ކުރުމަށް ހުރަހެއް އޮތް ކަމަށް މި މިނިސްޓްރީ އިން ނުދެކެން،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 
މާލޭގެ މޭޔަރަކަށް މުއިއްޒު ހުންނެވިއިރު މަސް މާރުކޭޓު އަޅަން ދެ އެއްބަސްވުމެއް ހެދި އެވެ. މުއިއްޒު ވެރިކަމަށް ހޮވި މޭޔަރުކަމުގެ ގޮނޑި ހުސްވި ވަގުތު ފުރަތަމަ އެއްބަސްވުން ބާތިލްކޮށް އާ ބަޔަކާއެކު މިހާރު މި އޮތް އެއްބަސްވުން ހެދީ އެވެ. 
ސިޓީ ކައުންސިލުން ހެދި ފަހުގެ އެއްބަސްވުން ހަދާފައި ވަނީ ކުރިން ހެދި އެއްބަސްވުމަށްވުރެ 54 މިލިއަން ރުފިޔާ ބޮޑު އަގަކަށެވެ. 
މަސް މާރުކޭޓުގެ މައްސަލަ ބޮޑުވެގެން ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ވަނީ ސިޓީ ކައުންސިލާ ބައްދަލު ކުރަން ވެސް ދެކޮޅު ހަދައިފަ އެވެ. މިނިސްޓްރީ އިން ސިޓީ ކައުންސިލާ ބައްދަލު ކުރަން ދެކޮޅު ހަދާތީ އެ ދެ އިދާރާއިން މިހާރު ވަނީ އާންމު ކުރާ ބަޔާންތަކަކުން އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިޔަމުންނެވެ.
އެލްޖީއޭ މެދުވެރިވެގެން ދެ އިދާރާގެ ދެމެދުގައި ޖެހިފައިވާ މައްސަލަ ހައްލުކޮށްދޭން ސިޓީ ކައުންސިލުން ވަނީ މިހާރު ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ