ދުންފަތުގެ އިމްޕޯޓް ޑިއުޓީ 4ރ. އަށް ކުޑަކުރަން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.
ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމެވެ. ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ހުށަހެޅުއްވި އެ ބިލްގެ ފުރަތަމަ ކިޔުން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީ 4ރ. އަށް ކުޑަކުރަން ހުށަހެޅިއިރު، އެކަން އެގޮތަށް ކުރަން ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ލަފާ ލިބިފައިވާތީ، އެ ބަދަލު ގެނައުމާ މެދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ކުރިން ވިދާޅުވެފައިވެ އެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވެފައިވަނީ ރާއްޖޭގައި ވޭޕް މަނާކުރުމާއެކު، އޭރު ވޭޕް ބޭނުންކުރި މީހުން ކުއްލިއަކަށް ދުންފަތް ނުވަތަ ސިނގިރޭޓް ބޭނުންކުރަން ފަށާފާނެ ކަމަށް ބަލައި ސިނގިރޭޓުގެ ޑިއުޓީ ސަރުކާރުން 2024 ވަނަ އަހަރު ބޮޑުކުރި ކަމަށެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް އެންމެ ފަހުން ބަދަލު ގެނައީ ނޮވެމްބަރު، 2024 ގަ އެވެ. އެފަހަރު ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކޮށްފަ އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، ޑިއުޓީ ރޭޓަށް ބަދަލު ގެނައުމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ހުރިހާ ގައުމެއްގައި ވެސް ގެންގުޅޭ އުކުޅެކެވެ. އަދި ސަރުކާރުން އެންމެ ފަހުން ދުންފަތުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރީ ވޭޕް މަނާކުރުމާ އެކު، ގިނަ ބަޔަކު ދުންފަތް ބޭނުންކުރާނެ ކަމަށް އޭރު ކުރި ހުރިހާ ދިރާސާތަކުން ހާމަވުމާއި ތަޖުރިބާކާރުންގެ ލަފާ ވެސް އެގޮތަށް ލިބުމުންނެވެ.
"ސަރުކާރުން އޭރު ނެގި އުނދަގޫ ޑިޒިޝަނެއް އެއީ، 8ރ. އަށް [ސިނގިރޭޓުގެ] ޑިއުޓީ ރޭޓު ބޮޑުކުރުމަކީ،" އިހުސާން ވިދާޅުވެފައިވެ އެވެ.
The most trusted news source in the Maldives
ނަމަވެސް، ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޑިއުޓީ ރޭޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ ސަރުކާރުން އަބަދުވެސް ކުރާނެ ކަމެއް ކަމަށާއި އަދި އެ ރޭޓް ހިފަހައްޓާނީ އެއިރެއްގައި ކުރާ ދިރާސާތަކުން ދައްކާ ނަތީޖާއަކަށް ބަލައިގެން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗުއޯއިން ހެއްދެވި ދިރާސާއަކުން ރާއްޖެއަށް ރިކޮމެންޑް ކުރައްވާފައި އޮތް އެއް ޑިއުޓީ ރޭޓަކީ 2026 ވަނަ އަހަރަށް އެއީ ސްޕެސިފިކް ރޭޓް 4ރ. ގެ ގޮތުގައި،" އިހުސާން ވިދާޅުވެފައިވެ އެވެ.
އިހުސާން އޭރު ވިދާޅުވި ގޮތުގައި ދުންފަތުގެ އިމްޕޯޓް ޑިއުޓީ ރޭޓަށް ބަދަލު ގެނައުމުގެ ކުރިން ކަމާބެހޭ ހުރިހާ އިދާރާތަކާއި ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރާނެ އެވެ. އަދި މަޝްވަރާ ކުރުމަށްފަހު، ރޭޓަށް ބަދަލު ގެންނަން ޖެހޭ ކަމަށް އެންމެންނަށް އެއްބަސްވޭނަމަ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށް އޭނާ އޭރު ވިދާޅުވެފައިވެ އެވެ.
ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހަށް ބިލް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ