ކ. ހުރާ ރަށު ކައުންސިލާ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން ހަވާލުވުމަށްފަހު، ރަށުން ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތައް ހިފަހައްޓައިފި އެވެ.
އެ ބިންތައް ދޫކޮށްފައި ވަނީ ނިމިދިޔަ ކައުންސިލުންނެވެ. ބިންތައް އެވޯޑު ކުރީ، ބިން ދޫކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމުމުންނެވެ. އެ މައްސަލަ އޭސީސީއަށް ހުށަހެޅީ ރަށު ކައުންސިލުން އަމިއްލައަށް އިސްނަގައިގެންނެވެ.
ނިމިދިޔަ ކައުންސިލުން ހުރާގައި ޓޫރިޒަމްގެ ވިޔަފާރި ކުރަން 17 ބިން ދޫކުރި އެވެ. ބިން ހަވާލު ކުރީ ބީލަމަކުންނެވެ. ބީލަންތައް ކާމިޔާބު ކުރި ފަރާތްތަކަށް އެވޯޑު ލެޓާ ވެސް އޮތީ ހަވާލުކޮށްފަ އެވެ. ބިންތައް ހަވާލު ކުރަން ޕީއެންސީގެ ކައުންސިލުން ދެކޮޅު ހަދާ ސަބަބެއް އަދި ނޭނގެ އެވެ.
"ޖުމްލަ 17 ބިމަކަށް ބިޑު ހުށަހަޅަން ހުޅުވާލި. ބިޑު ކާމިޔާބުކުރި މި އަހަރުގެ މެއި 2، ގައި އެވޯޑް ލެޓާ ހަވާލުކުރި. އެލްޖީއޭގެ އެޕްރޫވަލް ލިބުމާއެކު ބިންތައް ހަވާލުކުރެވޭ ގޮތަށް އޮންނާނީ. ނަމަވެސް އެކަން ކުރިއަކަށް ނުދޭ،" ހުރާއިން އަދަދު އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ބިންތައް އެވޯޑު ކުރުމުގެ ކުރިން ރީގެ ރަށު ކައުންސިލުން އޭސީސީއަށް މައްސަލައެއް ހުށަހެޅީ، އެ ބިންތައް ނުއަގުގައި ދޫކުރަން އުޅޭ ކަމަށް ބުނެ އަޑުތަކެއް ފެތުރުމުންނެވެ. އެކަމަކު އެ މައްސަލަ ބެލުމަށްފަހު އޭސީސީ އިން ނިންމީ ބިންތައް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނެތް ނުހިނގާ ކަމަށެވެ.
ހުރާ އިން ޓޫރިޒަމަށް ބިން ލިބުނު މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ އައު ކައުންސިލުގެ މެންބަރުން މަގާމާ ހަވާލުވެ ބިންތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިނުކޮށް ދިގުދަންމަމުންދާ ކަމަށާއި އެކަން ކުރަނީ ނުބައި މަގުސަދެއްގައި ކަމަށެވެ.
"ކައުންސިލުން ވަރަށް ދެރަކޮށް ކަންތައް ކުރަމުންދަނީ. މިދިޔަ ދައުރުގައި ތިބި ކައުންސިލަރުންނެއް ނޫން ތިބީ. މިހާރު ސޮއިކުރާ ހިސާބަށް ގޮސްފައި މިއޮތީ. މިހާރު ބިންތައް ނުދޭންވެގެން އުޅެނީ. އެކަން އޮތީ ހުއްޓުވާފައި،" ބިން ލިބުނު މީހަކު ބުންޏެވެ.
އޭނާ ބުނީ ބިމަށް ބިޑުކޮށް ބޭންކް ގެރެންޓީގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާ ބޭނުން ނުކުރެވި ދިގުލައިގެންދާތީ ގެއްލުންވަމުންދާ ކަމަށާއި މިކަމާ ގުޅިގެން ކޯޓަށް ދާން ޖެހިއްޖެނަމަ އިތުރު ގެއްލުންތައް ލިބޭނެ ކަމަށެވެ.
"މީގައި ލިބޭނެ ގެއްލުން ވަރަށް ބޮޑު. ރާއްޖޭގެ އެކި މަޝްހޫރު ކުންފުނިތަކުން ބިޑުކުރި. އަޅުގަނޑުމެން ބޭންކް ގެރެންޓީއަށް ބެހެއްޓި ރުފިޔާ ބޭނުން ނުކުރެވި އެދަނީ. ބިމެއް ނުލިބޭ. މިއީ ކިހާ ބޮޑު ގެއްލުމެއްތޯ. އަދި ކޯޓަށް ގޮސްފިނަމަ އިތުރު ގެއްލުންވާނެ،" އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން ހުރާ ކައުންސިލްގެ ރައީސް އިހުސާން ޖަމީލްއަށް މި ނޫހުން ގުޅުމުން އޭނާ ވިދާޅުވީ މައްސަލައާ ގުޅިގެން އެއްވެސް މައުލޫމާތެއް ދޭން ބޭނުން ނުވާ ކަމަށެވެ.
ހުރާ ކައުންސިލުން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޓޫރިޒަމް ބިންތައް ލިބުނު މީހުންނަށް އެ ބިންތައް ހަވާލު ނުކުރާނެ ކަމަށް ކައުންސިލުގެ މެންބަރުން ބުނެފައިވާ ކަމަށް ބައެއް މީހުން މި ނޫހަށް ކިޔައިދިނެވެ.
މިކަމުގެ މައުލޫމާތު އެނގޭ އިތުރު މީހަކު މި ނޫހަށް ބުނީ ބިންތައް ހަވާލުކުރުމުގެ ކަންކަން ނިމިދިޔަ ކައުންސިލުން ކުރިއަށް ގެންދިޔައީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން އައު ކައުންސިލުން ބިންތައް ހަވާލުނުކުރަން ބޭނުންވާނަމަ، އެކަމުގައި ކައުންސިލުން ދެން ދާންޖެހޭނީ ކޯޓަަށް ކަމަށް އޭނާ ބުންޏެވެ.
ނިމދިޔަ ކައުންސިލުން ހުރާގެ ޓޫރިޒަމް 17 ބިމެއް ދޫކޮށްގެން 1.8 މިލިއަން ރުފިޔާ ބިޑު ފައިސާގެ ގޮތުގައި ލިބުނެވެ. އެ ބިންތައް ދޫކުރަން ނިންމީ ކޮންމެ މަހަކު ކުލީގެ އިތުރުން ސީއެސްއާރްއަށްވާ ފައިސާ ވެސް ކައުންސިލަށް ލިބޭ ގޮތަށެވެ.
ޕީއެންސީ މެންބަރުން ހުރާ ކައުންސިލާ ހަވާލުވެ ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތައް ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ