ޝައިޚު އިސްމާއިލް އަވަހާރިވީއިރު، ކީރިތި ގުރުއާނުގެ ތަފުސީރު އެއްކޮށް ވަނީ ދިވެހި ބަހަށް ތަރުޖަމާކުރައްވާފައި!

މިއަދު އަލިވިލިގެން އައިއިރު، ގިނަ ބަޔެއްގެ ލޯތައް ކަރުނުން ފުރުނީ، ޝައިޚު އިސްމާއިލް މުޙައްމަދު (ތައިބާ ޝައިޚް) އަވަހާރަވި ޚަބަރުންނެވެ. މުޅި ސޯޝަލް މީޑިއާ ފުރިފައި ވަނީ، ޝައިޚް ކުރެއްވި ޚިދުމަތްތައް ފާހަގަކުރުމާއި އެ ބޭފުޅާއަށް ކުރާ ތައުރީފުތަކުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް އެތައް ބަޔަކު އަންނަނީ ހިތާމަ ފާޅުކޮށް، ތައުޒިޔާ ކިޔަމުންނެވެ. މި ކަމުން އެކަނި ވެސް އެ ބޭފުޅާއަށް އެތައް ބަޔަކު ކުރާ އިޙުތިރާމާއި ގަދަރު ހާމަވެއެވެ. އުމުރުފުޅުން 85 އަހަރުގައި ޝައިޚު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ. ޝައިޚުގެ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައި ވަނީ ބާއްވާފައެވެ. https://sun.mv/223647 ޝައިޚް ފާހަގަކުރެވެނީ، ރާއްޖޭގައި އިސްލާމީ އިލްމާ ގުޅޭ ކަންތައްތަކެއް ފެތުރެއްވުމުގައި އަތުކުރި އޮޅާލައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. އެތައް ގޮތަކުން މި ދާއިރާއަށް އެ ބޭފުޅާ ވަނީ ޚިދުމަތްކޮށްދެއްވާފައެވެ. ޝައިޚް އިސްމާއިލް: މުޅި ހަޔާތް ހޭދަކުރެއްވީ އިސްލާމް ދީނަށް ޚިދުމަތް ކުރެއްވުމުގައި މިގޮތުން، އޭނާ އަވަހާރަވިއިރު، ކީރިތި ގުރުއާނުގެ ތަފުސީރު އެއްކޮށް ވަނީ ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ދަނީ އެ ފޮތް ޗާޕުކުރުމުގެ މަސައްކަތެވެ. ބައި ގަރުނަށް ވުރެ، ގިނަ ދުވަހު އިސްލާމީ ތައުލީމު އޭނާ އުނގަންނަވައި ދެއްވިއިރު، ދީނީ އެކި މައުޟޫތަކަށް 40 ފޮތް ލިޔުއްވާފައިވެއެވެ. އެ ފޮތްތަކުން އެކަނި ވެސް އެތައް ދިވެހީންނަކަށް މުހިންމު މައުލޫމާތުތަކެއް ލިބޭނެއެވެ. އަދި، އެއީ އަންނަން އޮތް ޖީލުތަކަށް އޮތް އަގުހުރި ހަދިޔާއަކަށް ވާނެއެވެ. ދ. މީދުއަށް އުފަން، ޝައިޚަކީ ތައުލީމު ހާސިލުކުރައްވައިގެން އިސްލާމް ދީން ފެތުރުއްވި ބޭފުޅެކެވެ. މިގޮތުން، 1970 ގެ އަހަރުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ވަނީ ތަޢުލީމު ހާސިލުކުރެއްވާފައެވެ. އޭނާއަކީ، އެ ޔުނިވާސިޓީން ތައުލީމު ހާސިލުކުރެއްވި އެންމެ ފުރަތަމަ ދިވެހި ދަރިވަރެވެ. ކުރު ގޮތަކަށް ބުނާނަމަ، ޝައިޚްގެ މުޅި ހަޔާތް އެ ހޭދަކުރެއްވީ، އިސްލާމީ އުންމަތަށް ޚިދުމަތް ކުރެއްވުމުގައެވެ. އިސްލާމް ދީނަށް ހޭލުންތެރިކުރުމާއި ރިވެތި އުސޫލުތައް މި މުޖުތަމައުގައި އަށަގެންނެވުމުގައެވެ. ޝައިޚް އިސްމާއިލްގެ ޚަރަދުގައި ހުޅުމާލޭގައި މިސްކިތެއް އެޅުމުގެ ބިންގާ އަޅުއްވައިދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް ޝައިޚް އަވާހަރަވީއިރު، މި ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން މިދިޔަ އަހަރު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ވަނީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ޝައިޚްއަށް އަރުވާފައެވެ. އެ ޝަރަފު ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެކެވެ. https://sun.mv/204973 އޭގެއިތުރަށް، ޝައިޚްގެ އަމިއްލަ ޚަރަދުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މިސްކިތެއް އިމާރާތްކުރައްވަން ވަނީ ފައްޓަވާފައެވެ. އެ މިސްކިތުގެ ނަން ނިސްބަތް ކުރައްވާފައި ވަނީ، ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން އާއިޝަތުގެފާނަށެވެ. ޝައިޚަކީ، ދިވެހީންނަށް ގެއްލުނު އަގުހުރި ޚިދުމަތްތެރިއެކެވެ. އޭނާ އަވަހާރަވި ނަމަވެސް، ޚިދުމަތްތަކާއި ހަނދާންތައް އާކުރާނެ އެތައް ދިވެހީންނެއް ތިބޭނެކަން ޔަގީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ