މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތު މި މަހުގެ 15 ގައި ހަމަވިއިރު ފޯމު ހުށަހަޅަން ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" އަށް 58،505 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
މިއީ ސަރުކާރަކުން މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނައިން ފޯމު ހުށަހެޅި ފަހަރެވެ.
އެ ފޯމުތަކާ އެކު ދީފައި ވަނީ ސައްހަ މައުލޫމާތުތޯ ކަށަވަރުކުރުމުގެ މަސައްކަތް ފެށިއިރު އެކަމަށް ހޭދަވާނެ ސީދާ މުއްދަތު ސާފެއް ނޫނެވެ. މި މަރުހަލާގެ ތެރެއިން މާލޭގައި އުޅެފައިވާ މުއްދަތު ހަމަކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކާއި ސެޓްފިކެޓްތަކަކީ ރަނގަޅު މައުލޫމާތުތޯ ކަށަވަރު ކުރާނީ ދައުލަތުގެ އެކި އިދާރާތަކުން ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.
މި ފަހަރު ގޯއްޗާއި ފްލެޓަށް ލުމަށް ބޭނުންކުރި ބޯހިޔާވަހިކަން ޕޯޓަލު ފަރުމާކޮށްފައި ވަނީ ފޯމު ހުށަހަޅަމުންދާއިރު އެ މީހަކީ ޝަރުތުހަމަވާ މީހެއްކަން އެނގޭނެ ގޮތަށެވެ. އަދި ފޯމު ސަބްމިޓް ކުރުމުން އެ މީހަކަށް އެކި ބައިބަޔަށް ލިބުނު ޕޮއިންޓުގެ ތަފްސީލު ވެސް ޕޯޓަލުން އެނގެ އެވެ.
ސަރުކާރުން ކުރިއަށް ގެންދާ "ބޯހިޔާވަހިކަން އެންމެނަށް"ގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގައި 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ.
ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ.
The most trusted news source in the Maldives
ފްލެޓު މަޝްރޫއުތައް ވެސް އެކި ކުންފުނިތަކާ ހަވާލުކޮށް، ބައެއް މަޝްރޫއުތައް މިހާރު ފަށާފައިވާއިރު ސަރުކާރުން ބުނާ ގޮތުގައި މި ދައުރުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރެވޭނެ އެވެ.
ބޯހިޔާވަހިކަމަށް ހައްލެއް ހޯދަން މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އެރަށުގެ ބޮޑު ބައެއް މިހާރު ހިއްކާފައިވާއިރު ފުރަތަމަ ބުރުގައި އެތަނުން ދޫކުރަނީ 15،000 ގޯއްޗެވެ.
ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ