ކުރިއަށް އޮތް ތިން އަހަރުގެ އައު މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ، ހުށަހަޅަން ދެ މަހުގެ މުއްދަތެއް

ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ ބަޖެޓުން އައު މަޝްރޫއުތަކަށާއި ކަންކަމަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅަން ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކަށް އަންގައި، އައު މަޝްރޫއުތަކާއި އާމްދަނީ އިތުރުކުރެވޭނެ ކަންކަން ހުށަހަޅަން ދެ މަސް ދީފިއެވެ. އާ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައިވަނީ، ބަޖެޓު އެކުލަވައިލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ އައު ހަރަކާތްތަކާއި މަޝްރޫއުތައް އެކުލަވައިލުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފައިވާ ކަމަށެވެ. ބަޖެޓު އެކުލަވައިލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން، ދައުލަތުގެ އޮފީސްތަކުން އައު މަޝްރޫއުތަކަށާއި ކަންކަމަށް ޕްރޮޕޯސަލް ހުށަހަޅަންވާނީ 2027އިން 2029އަށް ހިންގުމަށް ރާވައިފައިވާ މަޝްރޫއުތަކަށް ކަމަށާއި، ބަޖެޓުން ޖާގަ އިތުރަށް ބޭނުންވާ ކަންތައްތަކަށް ކަމަށް، އެ ސާކިއުލާގައިވެއެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ހުށަހަޅާ އައު ކަންކަމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ސަރުކާރުން އެކުލަވައިލި މެނިފެސްޓޯއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅުތަކުގައި ހިމެނޭ ކަންކަން ހާސިލުވާނެ ގޮތަށް އެކުލަވައިލައިފައިވާ ކަންކަމުގައި ވާން ޖެހޭނެ ކަމަށް، ސާކިއުލާގައިވެއެވެ. އެ ސާކިއުލާގައިވަނީ، އައު މަޝްރޫއުތަކުގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާއި އާމްދަނީގެ ސިޔާސަތަށް ގެންނަން ހުށަހަޅާ ބަދަލުތައް ދެނެގަނެ، އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންކަން ހުށަހެޅުމަށްވެސް އަންގައިފައެވެ. އަދި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް އިސްކަންދޭ ބަޖެޓެއް އެކުލަވައިލުމަށާއި، އެކަމާ ގުޅުންހުރި ޚަރަދުތައް ދެނެގަތުމުގެ ގޮތުން، ދައުލަތުގެ އިދާރާތަކުން ހުށަހަޅާ މަޝްރޫއަކީ މޫސުމީ ބަދަލުތަކާ ގުޅުންހުރި ކަމެއް ކަމުގައިވާ ނަމަ، އެކަން ސާފުކޮށް ބަޔާންކުރުމަށްވެސް އަންގައިފައިވެއެވެ. ސާކިއުލާގައިވާ ގޮތުން، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ އިދާރަތަކާއި ވުޒާރާތަކުން އަންނަ އޮގަސްޓް މަހުގެ 18ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން، އައު މަޝްރޫއުތަކުގެ ތަފުސީލުތައް ހުށަހަޅަން ޖެހޭނެއެވެ. ރައީސް މުއިއްޒުގެ ސަރުކާރު ދެބައި ވެފައިވާއިރު ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ނުހިނގާކަމުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މިދިޔަ އަހަރުގެ ބަޖެޓު ވެސް ބޯހިޔާވަހިކަމަށް ޚާއްސަ ކުރިއިރު އަހަރު ނިމިގެން ދިޔައީ މާ ބޮޑު މަޝްރޫއެއް ނުފެށިއެވެ. މި ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވޭތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ދައްކަން ޖެހުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ