އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެ ވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވައުދާ އެއްގޮތަށް "ބޮޑު ބަދަލު" ގެ ނަމުގައި ހާއްސަ އޮފީހެއް އެމްޑީޕީގެ އެތެރޭގައި އުފައްދައި، އެ ޕާޓީން މިއަދު އެކަން އިއުލާނުކޮށްފި އެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން ހުށަހަޅައި މެންބަރުންގެ ވޯޓުން ފާސްކޮށްފައިވާ ގޮތަށް އެ ޕާޓީގެ ސެކްރެޓޭރިއަޓްގައި ބޮޑު ބަދަލުގެ އޮފީސް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލަކީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ކަމަށް އެ އިއުލާނުގައިވެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ބޮޑު ބަަދަލުގެ އޮފީސް ގާއިމްކުރަން ހުށަހަޅުއްވަމުން، ނަޝީދު ވިދާޅުވީ ބޮޑު ބަދަލުގެ އޮފީހުން ކުރާނެ މަސައްކަތްތަކުގެ ތަފްސީލު، ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕް މެދުވެރިކޮށް ދެއްވަމުން ގެންދަވާނެ ކަމަށެވެ. އެހެން ނަމަވެސް އެ އޮފީހުން ކުރާނެ މައިގަނޑު މަސައްކަތްތައް އެމަނިކުފާނު ވިދާޅުވެދެއްވި އެވެ.
"ބޮޑު ބަދަލު އޮފީހުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވެގެންދާނީ [ރާއްޖެއަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ] މަޝްވަރާތައް ހިންގުން، ވޯކްޝޮޕްތައް ހިންގުން، ސެމިނާތައް ހިންގުން، އަދި ކަމާގުޅޭ ޖަލްސާތައް ވެސް ހިންގުން،" ނަޝީދު ވިދާޅުވި އެވެ.
The most trusted news source in the Maldives
އެމްޑީޕީގެ ޗެއާޕާސަން ކަމަށް އެމަނިކުފާނު ވާދަކުރެއްވީ އެމްޑީޕީން ރިޔާސީ ކެންޑިޑޭަޓެއްގެ ގޮތުގައި ފައްޔާޒު ނެރެން ތާއީދުކުރައްވައި ދެ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާ މެނިފެސްޓޯއަކާ އެކުގަ އެވެ.
އެ މެނިފެސްޓޯގައި އޮތް އެެއް ކަމަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމުގެ ގިނަ ސިފަތަކެއް އެކުލެވޭ މަސްހުނި ނިޒާމަކަށް ބަދަލު ކުރުމެވެ.
އެ މެނިފެސްޓޯ އިފްތިތާހުކުރައްވަން އޭޕްރިލް 19، ގައި ދެ ބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައިވާ ގޮތުން އެ ނިޒާމުގައި ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ ވަކި ދެ މަގާމެކެވެ.
އެގޮތަށް ހުށަހެޅުއްވުމުން، އެއީ ބަރުލަމާނީ ނިޒާމްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން ދައުލަތުގެ އިސްވެރިޔާ އިންތިހާބު ކުރުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ނޫން ކަަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތް ނިޒާމަކީ ވެސް މަސްހުނި ކަންތައްތަކެއް ހުރި ނިޒާމެއް ކަމަށް ވެސް އޭނާ ސިފަ ކުރެއްވި އެވެ.
ނަޝީދުގެ ވައުދާ އެއްގޮތަށް އެމްޑީޕީގައި "ބޮޑު ބަދަލު" ގެ އޮފީސް ގާއިމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ