ހައުސިންގ އެޕްލިކޭޝަންތައް ވެރިފައި ކުރުމުގެ މަސައްކަތް ފަށައިފި

ސަރުކާރުގެ "ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ކްރޮސް ވެރިފައި ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ފަށައިފިއެވެ. މި މަސައްކަތަކީ ހުށަހަޅާފައިވާ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ކުރިއަށްގެންދާ މުހިންމު މަރުހަލާއެކެވެ.
ހައުސިންގ ޕޯޓަލްއަށް ގެނައި ބަދަލުތަކާއި ހައުސިންގ ސްކީމްތަކާ ގުޅޭ ގަވާއިދުތަކަށް ގެނައި އިސްލާހުތަކާއެކު، ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މި ފުރުސަތު މި މަހުގެ 15 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. ހައުސިންގ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ފްލެޓަށް އެދި 35,900 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި 22,000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ލިބިފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތުގައި އެޕްލިކޭޝަންތަކުގައި ހުރި މައުލޫމާތުތައް ސަރުކާރުގެ އެކި އިދާރާތަކުގައި ހުރި މައުލޫމާތުތަކާ އަޅާކިޔައި، ޝަރުތުތައް ހަމަވޭތޯ ބަލާނެއެވެ. މީގެ ތެރޭގައި މާލޭގައި ދިރިއުޅޭކަން ކަށަވަރު ކުރުން ފަދަ މުހިންމު ކަންކަން ހިމެނެއެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އަދަދު ގިނަވުމުން މި މަސައްކަތަށް ވަގުތު ނަގާނެއެވެ. މި މަރުހަލާގައި 200,000 އަށްވުރެ ގިނަ އިންޑިވިޖުއަލް ރެކޯޑްތައް ރިވިއު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށާފައެވެ.
ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ، މީގެ ކުރީގެ މަޝްރޫއުތަކާ ހިލާފަށް މި ސަރުކާރުން ނިންމީ ދައުރުގެ ކުރީކޮޅު އެޕްލިކޭޝަނަށް ހުޅުވާލުމަށެވެ. ކުރީގެ މަޝްރޫއުތަކުގައި ގިނަ ފަހަރަށް ފުރުސަތު ހުޅުވާލަނީ ދައުރު ނިމެން ކައިރިވުމުންނެވެ. ޕްލޭން ކުރެވިފައިވާ ގިނަ މަޝްރޫއުތައް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އޭގެ ސަބަބުން ޝަރުތު ހަމަވާ ފަރާތްތަކަށް އަވަހަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ