ކުރަސާއޯގެ ފުރަތަމަ ޕޮއިންޓާއެކު އެލޯއީ ރޫމްގެ ނަން ތާރީހުގެ ތެރެއަށް

ފީފާ ވޯލްޑްކަޕްގައި ރޭ ކުރަސާއޯއާއި އެކުއެޑޯ ބައްދަލުކުރިއިރު އެކުއެޑޯ ސަޕޯޓަރުން އަދި މުޅި ދުނިޔެއަށް ވެސް އެލޯއީ ރޫމްގެ ނަން އިވިފައި ނޯވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ރޭގެ މެޗަށްފަހު އެ ނަން އެއްވެސް މީހެއްގެ ހިތުން ފޮހެވިގެންނުދާނެ އެވެ.
ރޭގެ މެޗުގައި ކުރަސާއޯ އަދި އެކުއެޑޯ ބައްދަލުކުރި މެޗުގައި ކުރަސާއޯގެ ގޯލްކީޕަރު އެލޯއީ ރޫމް ވަނީ ވޯލްޑްކަޕް ލެޖެންޑުގެ ތެރޭގައި އޭނާގެ ނަން ފަވާލާފަ އެވެ. އަދި ދިގު ތާރީހެއް އޮތް ވޯލްޑްކަޕުގައި އޭނާ ރޭ ދެއްކި ކުޅުމަކީ މުޅި މުބާރާތުގެ ތާރީހުން ވެސް ފެނުނު އެންމެ ވަރުގަދަ އެއް ކުޅުންކަން ފާހަގަކޮށްލެވެ އެވެ.
37 އަހަރުގެ އެލޯއީ ރޫމް އޭނާގެ ކެރިއަރުގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ އެރިޑިވިސީގެ ކުލަބުތަކުގެ ބެންޗުތަކުގަ އެވެ. ނަމަވެސް ރޭ ޓިމް ހަވާޑް 2014 ވަނަ އަހަރުގެ ވޯލްޑްކަޕުގައި އެންމެ މެޗެއްގައި 16 ސޭވްކޮށް ހެދި ރެކޯޑް މުގުރާލުމާ އެއް ސޭވް ގާތަށް ރޭ ރޫމް ރޭ ޖެހިލި އެވެ. ޓިމް ހަވާޑް އިތުރުވަގުތާއެކު 16 ސޭވް މުޅި މެޗުގައި ހެދި ނަމަވެސް ރޫމް ވަނީ ރޭ އެކުއެޑޯއާ ދެކޮޅަށް ފުރިހަމަ ވަގުތުގެ ތެރޭގައި 15 ސޭވްކޮށްފަ އެވެ.
އަދި ރޭގެ މެޗު ލަނޑެއް އެއްވެސް ޓީމަކަށް ނުޖެހި އެއްވަރުވީއިރު މިއީ ކުރަސާއޯއަށް ވަރަށް ބޮޑު ކާމިޔާބީއަކަށް ވެގެންދިޔަ އެވެ. މިހާތަނަށް ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި ވާދަކުރާ އެންމެ ކުޑަ ގައުމުގެ ޝަރަފު ކުރަސާއޯއަށް ލިބިފައި އޮތްއިރު ރޭ އެޓީމުން ވަނީ ޕޮއިންޓެއް ހޯދާ އަލަތު ވޯލްޑްކަޕެއްގައި ޕޮއިންޓެެއް ހޯދި އެންމެ ކުޑަ ގައުމަށް ވެގެން ގޮސްފަ އެވެ.
ޑިކް އެޑްވޮކާޓްގެ ކޯޗުކަމުގެ ދަށުން މުބާރާތާ ކުރިމަތިލި ކުރަސާއޯއިން ބޮޑު ތަފާތަކުން 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނު އަތުން ފުރަތަމަ މެޗުގައި 7 - 1 ން ބަލިވި ނަމަވެސް ރޭގެ މެޗުން ހޯދި ޕޮއިންޓާއެކު އެބަލިން އެޓީމު ވަނީ ރިކަވާވެފަ އެވެ.
މެޗަށްފަހު އެލޯއީ ރޫމް ރޭ ބުނީ އަދިވެސް އެކަން ގަބޫލު ނުކުރެވޭ ކަމަށާއި އަދި ރެކޯޑް މުގުރާނުލެވުމުން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނު ކަމަށެވެ. އެހެންނަމަވެސް ޓިމް ހަވާޑް ކޮންމެވެސް ވަރަކަށް ރޭގައި ހާސްވާނެހެން ހީވާ ކަމަށް ވެސް ރޫމް ބުންޏެވެ.
މިދިޔަ ފެބްރުއަރީގައި ދަރިފުޅުގެ ސިއްހީ ކަމަކާ ގުޅިގެން ކޯޗުކަމާ ދުރުވުމަށްފަހު މިދިޔަ މަހު އަލުން ޓީމާ ގުޅުނު ކޯޗު އެޑްވޮކާޓް އަކީ ވޯލްޑްކަޕެއްގައި ވާދަކުރާ އެންމެ މުސްކުޅި މެނޭޖަރެވެ. އޭނާ ރޭގެ މެޗަށްފަހު ބުނެފައިވަނީ ވަރަށް ފަހުރުވެރިވާ ކަމަށާއި އެމީހުން އައީ އެއްވެސް އެއްޗަކާ ނުލާ ކަމަށް އަދި ރޭގައި ވަރުގަދަ ފައިޓެއް ދިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ