ވިލާ އެއަރއާއެކު ހަދާފައިވާ ގދ. ކާޑެއްދޫ އެއާޕޯޓް އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީޢަތުގައި މި މައްސަލައިގެ ރަޢުޔު އިއްވަވައިދެއްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށާއި އެކަމުގެ ސަބަބުން ވިލާ އެއާ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ވިލާއަށް ވަކި މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.
ގާނޫނު ހުއްދަކުރާ ހާލަތެއްނެތި ކޮންޓްރެކްޓް އުވާލުމަކީ އޭގެ ނަތީޖާއަށް މާލީގޮތުން ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށާއި އެހެންކަމުން ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަކީ އެހާ ލުއިކަމެއް ނޫންކަމަށް ހުސްނުއްސުއޫދު ވިދާޅުވިއެވެ.
ކޮންޓްރެކްޓްގެ އެއްފަރާތުން ކޮންޓްރެކްޓާއި ޚިލާފަށް ކުރާ ކޮންމެ ކަމަކީ އެ ކޮންޓްރެކްޓް އުވާލުމަށް ކޮންޓްރެކްޓްގެ އަނެއް ފަރާތަށް ހުއްދަވާ ސަބަބެއް ނޫން ކަމަށްވެސް ފަނޑިޔާރު ހުސްނުއްސުއޫދުގެ ރަޢުޔު އިއްވަވަމުން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމްގައި ވަނީ، އެއްބަސްވުމެއް އުވާލަނީ، އެއް ފަރާތަކުން އެއާ ހިލާފުވެއްޖެ ކަމަށްވާނަމަ، އެ ހިލާފަކީ ބުރަދަނެއް ހުރި ސީރިއަސް ނަތީޖާއެއް ނުކުންނަ ހިލާފަކަށްވާން ޖެހޭނެ ކަމަށެވެ.
ނަމަވެސް، މިމައްސަލާގައި ވިލާއިން ހިލާފުވެފައިވާ ހިލާފުވުމަކީ އެފަދަ ސީރިއަސް ނަތީޖާތަކެއް ނުކުންނަ ހިލާފެއް ކަމެއް ދައުލަތަށް ކޯޓުގައި ސާބިތުކޮށްދެވިފައި ނެތް ކަމާއި އެކަމާ ގުޅޭ ހެކިވެސް ހުށަހަޅާފައި ނެތްކަމަށް ހުކުމުގައިވެއެވެ.
ދައުލަތުން މިމައްސަލަ އިސްތިއުނާފު ކުރުމުން މިމައްސަލަ ސުޕްރީމް ކޯޓުގައި ބަލާފައިވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރަށް ފަނޑިޔާރު މާހާޒް އަލީ ޒާހިރެވެ.
ކާޑެއްދޫ އެއަރޕޯޓް ތަރައްގީކޮށް ހިންގުމަށް ވިލާ އެއާ ޕްރައިވެޓް ލިމިޓެޑް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ދެމެދު އެއްބަސްވީ 06 ނޮވެމްބަރ 2013 ވަނަ އަހަރު ލީސް އެގްރިމެންޓެއްގެ ދަށުން 50 އަހަރަށް އެ އެއާޕޯޓް ހިންގާ ބެލެހެއްޓުމަށެވެ.
ނަމަވެސް، ވިލާ އެއާ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާއި ޚިލާފު ވެފައިވާކަމަށް ބުނެ 18 ޖެނުއަރީ 2017 ގައި އޭރުގެ ޓޫރިޒަމް މިނިސްޓްރީން ފޮނުވި ސިޓީއަކަށް ކޮންޓްރެކްޓް ބާތިލްކޮށްފައިވަނީ 22 ނޮވެމްބަރު 2018 ގައެވެ.
ކާޑެއްދޫ އެއާޕޯޓް އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ