ޔާމީން ޖަލަށްލި މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓުން ބަލައިގެންފި

މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ ބަލައިގެންފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައި މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ވަނީ ހުކުމް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުން އިސްތިއުނާފު ބަލައިގެން ނަމަވެސް މި މައްސަލައިގެ އަޑުއެހުންތައް ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް އެ ދައުވާގައިވެ އެވެ.
މި މައްސަލާގައި ޔާމީން ޖަލަށް ލައި ޖޫރިމަނާކުރަން ހުކުމްކުރީ ނޮވެމްބަރު 28، 2019 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ