ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަހްމަދު ރަޝީދު ސަސްޕެންޑް ކުރީ އޭނާއާ ދެކޮޅަށް އެކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބަލައި ނިމެންދެންނެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހު އޮތް ޖޭއެސްސީގެ ބައްދަލުވުމުގައި އަހްމަދުގެ ސަސްޕެންޝަން އުވާލާ އޭނާ އަލުން ވަޒީފާއަށް ނިކުތުމަށް އަންގަން ނިންމީ އަހްމަދާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ގެންދަން އެކަށީގެންވާ ހެކި ލިބިފައި ނުވާތީ އެވެ.
ޖޭއެސްސީގެ ކުރީގެ ނައިބް ރައީސް އަދި ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ރިޔާސަތު ބެލެހެއްޓި ބައްދަލުވުމެއްގައި އަހްމަދު ސަސްޕެންޑް ކުރަން ނިންމީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ.
އަހްމަދު ރަޝީދު ސަސްޕެންޑް ކުރިއިރު ވެސް އަދި އޭނާގެ ސަސްޕެންޝަން އުވާލި އިރުވެސް ޖޭއެސްސީން އަހްމަދު ރަޝީދާ ދެކޮޅަށް ބަލަމުން ދިޔަ މައްސަލައިގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
އަހްމަދު ރަޝީދު ކްރިމިނަލް ކޯޓުގައި ގާޒީ ކަން ކުރައްވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް، އޭނާ ސަސްޕެންޑް ކުރިއިރު ބައްލަވަމުން ގެންދެވީ މަސްތުވާތަކެއްޗާއި މަރުގެ ބޮޑެތި މައްސަލަތަކެވެ.
ގާޒީ އަހްމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.
އަހްމަދު ރަޝީދު މީގެ ކުރިން ވަނީ ޖޭއެސްސީގައި ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރުގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރު ކަންވެސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ