ރައްޔިތުން ނުކުތީ ރައީސް ޔާމީން ހުއްޓުވަން، އެކަން ކުރާނެ: އަމީން

ސަރުކާރުގެ އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަން ހުއްޓުވޭނީ ރައީސް ޔާމީން ހުއްޓުވައިގެން ކަމުގައި ވާނަމަ ރައްޔިތުން އެކަން ކުރާނެ ކަމަށާއި ހުއްޓުވުމުގެ ނަމުގައި ރައްޔިތުން ނުކުތީ އެކަން ކުރުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގައި ހުންނަވައިގެން ވީމީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އަމީން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގެ ޝިއާރަކީ "ހުއްޓުވުން" ކަމަށް ކަނޑައަޅައި އެހަރަކާތްތައް ވަރުގަދަކޮށްފައިވާއިރު ރައްޔިތުން ނުކުމެ ހުއްޓުވަން އުޅެނީ ކޯއްޗެއްކަން ރައީސް ޔާމީނާއި ސަރުކާރަށް މިހާރު ވަރަށް ރަގަޅަށް ފެންނާނެ ކަމަށެވެ. ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާކަން އަމީން ފާހަގަކުރެއްވިއެވެ.
އަމީން ވިދާޅުވީ ހުއްޓުވަން ނިކުމެގެން އުޅެނީ ސަރުކާރުގެ ވައްކަމާއި ފަސާދައާއި ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާއި ބޭއިންސާފު ކަމަށެވެ. މިކަންކަން ހުއްޓުވޭނީ ރައީސް ޔާމީން ހުއްޓުވައިގެން ކަމުގައި ވާނަމަ ރައްޔިތުން ނުކުމެއުޅެނީ އެމަނިކުފާނު ހުއްޓުވަން ކަމަށެވެ.
"ޔާމީންގެ ކިބައިގައި މިކަންކަން ހުއްޓުވުމުގެ ގާބިލްކަން ނެތީވިއްޔާ ނުވަތަ މިކަންކަން ނުކޮށް އޭނައަށް ނުހުރެވޭ ކަމަށް ވަންޏާ ދެން އާޚިރުގައި އެދަނީ އޭނަ އަމިއްލައަށް ސަރުކާރު ހުއްޓުވާލުމަށް. ރައްޔިތުންނެއް ނޫޅޭ ކޮންމެހެން ސަރުކާރު ހުއްޓުވާކަށް. އެކަމަކު ރައްޔިތުން މިބުނަނީ ޔާމީނޭ މިކަންކަން ހުއްޓުވަބަލާށޭ. ރައްޔިތުންނަށް ބޮޑެތި އަނިޔާތައް އެބަލިބެއޭ. އަހަރެމެން މަނިކުފާނާ ހަވާލުކުރި އަމާނާތަށް މަނިކުފާނު ތިދަނީ ޚިޔާނާތްތެރިވަމުންނޭ. ވެރިކަން ކުރަންވާގޮތް ގާނޫނުއަސާސީގައި ބުނެދިފައި އޮއްވައި އެމަފުހޫމް ދޫކޮށްލާފައި އަމިއްލައަށް އީޖާދުކޮށްގެން އަމިއްލައަށް ބޭނުންވާ ގޮތަށް ކަންކަން ބަދަލުކޮށްގެން ތިގެންދަވާ ގެންދެވުން ހުއްޓާލައްވާށޭ" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ސަރުކާރުން ދަނީ ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރުކޮށް، މީސްމީހުންގެ ބޮލުގައި ދޮގު ތުހުމަތާއި ބަދުނާމު އަޅުވައި އަބުރު ކަތިލައި، އެތައް ބައެއްގެ ދިރިއުޅުން ހަލާކުކުރަމުން ކަމަށެވެ. ރައީސް ޔާމީނަށް މިކަންކަން ނުހުއްޓުވޭނަމަ ޖެހިގެން އޮތް ފިޔަވަޅު ރައްޔިތުން އަޅާނެ ކަމަށާއި ރައްޔިތުން އެމަނިކުފާނުގެ ސަރުކާރު ހުއްޓުވާނެ ކަމަށެވެ. އަނިޔާވެރިކަމުގެ ތެރޭގައި އަބަދު އުޅެން ރައްޔިތުން ބޭނުންނުވާ ކަމަށާއި އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ރާއްޖެއަށް މިނިވަންކަން ހޯދާފައިވަނީ އަދި ގައުމުގެ ތާރީޚުގެ އެކި ހިސާބުތަކުގައި އަނިޔާވެރި ވެރިކަންތައް ބަދަލުކޮށްފައިވަނީ ރައްޔިތުން ނުކުމެގެން ކަމަށާއި މިއަދު ދެކެމުންއަންނަ ޑިމޮކްރެޓިކް ނިޒާމާ ހަމައަށް އާދެވުނީ ރައްޔިތުން ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށް އަމީން ވިދާޅުވިއެވެ. އެހެންކަމުން އެކަންކަން ދިފާއުކުރުމަށް އަދިވެސް ދިވެހި ރައްޔިތުން ނުކުންނާނެ ކަަމަށާއި މިއަދު ރައްޔިތުން ކުރަމުންދަނީ ހައްގު މަސައްކަތެއް ކަމަށް ވެސް އަމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމުން ނަތީޖާ ނެރެވެންދެން ދެމިތިބޭނެ ކަމަށާއި ކިތަންމެ ބިރެއް ދެއްކިޔަސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
"ރައްޔިތުން ނުކެމެ އެތިބީ އެމީހުންގެ ހައްގުތައް ހޯދަން. ރައްޔިތުން ނުކުމެ އެތިބީ އެމީހުންނަށް ލިބެމުންދާ އުނދަގޫތަކުން، އަނިޔާތަކުން މިންޖުވާން. އަޅުގަނޑުމެންގެ ތެރެއިން ލީޑަރުން ހިފައިހައްޔަރުކޮށް ކިތަންމެ ބަޔަކު ފުރަގަހަށް ދެއަތްލައި ބިޑިއަޅުވައިގެން ގެންގޮސް ޖަލުގެ ކުޑަގޮޅިއަށް ލީނަމަވެސް ރައްޔިތުންނެއް ފަހަތަކަށް ނުޖެހޭނެ. އެމީހުން ބިރެއްނުގަންނާނެ މިހާރު ރައީސް ޔާމީން ދެކެ. ރައީސް ޔާމީންގެ އައުވާނުން ދެކެ ބިރެއް ނުގަންނާނެ. އަދި ފުލުހުންނާއި ސިފައިން ދެކެވެސް ޖެހިލުމެއް ނުވާނެ" އަމީން ވިދާޅުވިއެވެ.
އަމީން އިބްރާހީމް ވިދާޅުވީ ފުލުހުންނާއި ސިފައިންނަކީ ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބި ބައެއް ކަަމަށާއި ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްކަމާއި ހިމާޔަތްކަން ދޭންތިބި ބައެއް ކަމަށެވެ. އެއީ ސަލާމަތީ ޚިދުމަތްތައް ކަމަށާއި އެމުއައްސަސާތަކުން އަދާކުރަންޖެހޭނީ އެޒިންމާ ކަމަށެވެ.
2015 ވަނަ އަހަރުގެ މެއި ޑޭގައި ނިކުތް ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ހިފައިހައްޔަރުކުރުމުން ވެސް ރައްޔިތުން ފަހަތަށްޖެހި ނުފިލާ ކަމަށާއި އެއްބަޔަކު ހައްޔަރުކުރާއިރަށް އެހެން ބަޔަކު ކުރިއަށްޖެހޭނެ ކަމަށް އަމީން ވިދާޅުވިއެވެ. އަނިޔާއަށް ރައްޔިތުން ކެތްނުކުރާނެ ކަމަށާއި އަނިޔާއަށް ކެރިގެން ނޫނެކޭ ބުނާނެ ކަމަށެވެ. މިގޮތަށް އަނިޔާކުރުމުގައި ސަރުކާރަށް ދެމިނޯވެވޭނެ ކަމަށާއި ރައްޔިތުން ނުކުމެ ސަރުކާރު ހަމަބިމަށް ތިރިކުރާނެ ކަަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހީމް ތަކުރާރުކޮށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ