ރައްޔިތުން އަމަލު ކުރަން ނުޖެހޭ ކުއްލި ނުރައްކާ، އަހަރުގެ ބޮޑު ޖޯކް!؟

ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރިމްކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް އަމުރު ނެރުނުތާ ފަސް ވަނަ އަށް ވީ ދުވަހު ރައީސް ޔާމީން ވަނީ ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމާއި އުއްތަމަ ފަނޑީޔާރާއި ސުޕްރިމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، މުޅި ނިޒާމް "ބޭނުންގޮތަކަށް" ބަދަލުކޮށްލާފައެވެ.
ފަނަަރަ ދުވަހުގެ މުއްދަތަށް އިއުލާނުކުރި ކުއްލިނުރައްކާތެރިކަމުގެ މުއްދަތު ރޭ އަށެއް ޖަހާއިރު ހަމަވާން ދަނިކޮށް، ރައީސް ޔާމީން ހުށަހަޅުއްވައިގެން ކުއްލިނުރައްކަލުގެ ހާލަތު ވަނީ އިތުރު 30 ދުވަހަށް އިތުރުކޮށްފައެވެ. ގާނޫނީ ހާޖާނުގަނޑެއްގެ ތެރޭގައި 30 ދުވަހުގެ މުއްދަތަށް ކުއްލިނުރައްކަލުގެ ހާލަތު އިތުރުކުރި ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއްކަމަށް ގާނޫނީ ވަކީލުންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އިދިކޮޅު ފަރާތްތަކުންނާއި ބައެއް ގާނޫނީ ވަކީލުންނަށް ރައްދު ދެއްވާ ރޭގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބުދުﷲ މަސީހް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާގޮތުން ކުއްލިނުރައްކަލުގެ ގަރާރަކީ ގާނޫނެއް ނޫންކަމަށާއި އެހެންކަމުން ގަރާރު ފާސްކުރުމަށް ބާއްވާ ޖަލްސާގައި 43 މެމްބަރުން ތިބުން ލާޒިމްނުކުރާ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގައި ބުނެފައިވަނީ ރައްޔިތުންގެ އެ މައްޗަކަށް އަމަލުކުރަންޖެހޭ ކަމެއް ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެބައި މެމްބަރުން ހާޒިރުވާ ޖަލްސާއެއްގައި ކަމަށެވެ.
މަޖިލީހުގެ ރައީސް މަސީހު ނިންމެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާކީ ރައްޔިތުން އެމައްޗަށް އަމަލުކުރަންނުޖެހޭ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް ސުވާލަކީ ރައްޔިތުން އެމައްޗަށް އަމަލުކުރަން ނުޖެހޭ ނަމަ މަޖިލީހުން ކުއްލިނު ރައްކަލުގެ ހާލަތު އިއުލާނުކުރަން ނެރުރުނު ގަރާރު ފާސްކުރަންޖެހޭނެ ސަބަބެއް އޮންނާނެ ބާއްވައެވެ. އަނެއްކާ މަސީހު ވިދާޅުވި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ އާއި އެ ހާލަތު އިއުލާނުކުރުމަށް ރައީސް ޔާމީން ނެރުއްވާފައިވާ ގަރާރުން ދީފައިވާ ބާރުތައް ބޭނުންކޮށްގެން ރައްޔިތުންގެ މައްޗަށް ސަލާމާތީ ބާރުތަކުން ދަނީ އަމަލު ކުރަމުންނެވެ.
މަޖިލީޙުގެ ރައީސް އަބްދުﷲ މަސީހު
ރައްޔިތުންނަށް ލިބިފައިވާ އެތައް ހައްގެއްވަނީ ހިފަހައްޓާފައެވެ. ކުއްލިނުރައްކަލުގެ ގަރާރުން ހިފަހައްޓާފައިވާ ވަރަށް ގިނަ ހައްގަކީ ރައްޔިތު މީހާ އަށް ގާނޫނު އަސާސީން ލިބި ދޭ ހައްގުތަކެކެވެ. ނަމަވެސް އަޖައިބުވަނީ މަޖިލީހުގެ ރައީސް މަސީހަށާއި މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާއިދުކުރާ މެމްބަރުންނަށް އެކަން ނޭނގޭކަމަށް ހަދައިގެން ތިބުމެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހިފަހައްޓާފައިވާ އެންމެ މުހިންމު އެއް ހައްގުތަކީ ޖިނާއި އިޖުރާތުގެ ގާނޫނުން ރައްޔިތު މީހާ އަށްކަށަވަރުކޮށްދޭ ހައްގުތަކެވެ.
އެ ހައްގުތައް ހިފަހައްޓާފައިވުމުން އެ ހައްގުތައް ޕްރެކްޓިސް ކުރުމުގެ ފުރުސަތު ރައްޔިތު މީހާ އަށް ނުލިބުމަކީ މަޖިލީހުން ފާސްކުރި ގަރާރު ރައްޔިތު މީހާގެ މައްޗަށް އަމަލުކުރަންނުޖެހޭ ނަމަ އެހައްގުތައް ޕަރްކެޓިސްކުރަން ރައްޔިތު މީހާ އަށް ލިބެންޖެހޭނެވެ. ނަމަވެސް އެ ހައްގުތައް ރައްޔިތު މީހާ އަށް ނުލިބި ހިފަހައްޓާފައިވާއިރު މަޖިލީހުން ރޭ ފާސްކުރި ގަރާރަކީ ކާކުގެ މައްޗަށް އަމަލުކުރަން އަދި ކޮން ބައެއްގެ މައްޗަށް ހިންގަން ފާސްކުރި ގާރާރެއްތޯ މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުން ބުނެދޭންޖެހޭނެވެ.
ރައީސް ޔާމީން އިއުލާނު ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައިވާ ހައްގުތައް ހިފަހައްޓާފައިވާއިރު ހައްގެއް ހިފަހައްޓާ ނަމަ އެ ހިފެހެއްޓެނީ ކޮންމެވެސް ބަޔަކަށް ގާނޫނު އަސާސީން ލިބިފައިވާ ހައްގެކެވެ. އެހެންކަމަށްވާ ނަމަ ރައީސްގެ ގަރާރަކީ ރައްޔިތުންގެ މައްޗަށް އަމަލުކުރަން ނެރެފައިވާ ގަރާރެއް ނޫން ދެން ކޮން ބައެއްގެ މައްޗަށް އަމަލުކުރަން ނެރެފައިވާ ގަރާރެއްތޯ އެވެ. އެ ގަރާރު މަޖިލީހުން ފާސްކުރި އިރު އެ ފާސްކުރި ގަރާރަކީ ރައްޔިތުން އެމައްޗަށް އަމަލުކުރަން ނުޖެހޭނެ އެއްޗެއްކަމަށް ބުނި ނަމަވެސް، އެގަރާރަކީ ދިވެހިން އެ މައްޗަށް އަމަލުކުރަންޖެހޭ އެއްޗަކަށް ނުވާނެގޮތެއް ބުއްދީގެ ހަމަތަކުން ދެއްކޭނެ ބާއްވައެވެ.
ނަމަވެސް އެއީ ހަގީގަތްކަމަށް ވިޔަސް ބާރާއި ނުފޫޒު އޮތް މީހާ ބޭނުންކަމެއް ކުރާނެވެ. އަދި އެމީހަކު ބޭނުން ވާހަކައެއް ދައްކާނެވެ. މިސާލަކީ ޖައްގަލީގެ އުސޫލެވެ. ބޮޑެތި ނުވަތަ ބާރު ގަދަ ޖަނަވާރުން ބޭނުންގޮތެއް އެ އަށް ވުރެ ކުޑަ ޖަނަވާރުންނަށް ހަދާކަމީ އެންމެން ދަންނަ ވަރަށް ބޮޑު ހަގީގަތެކެވެ.
ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކުރަން ނެރުނު ގަރާރު ތަފާތު ސަބަބުތައް ދައްކައިގެން މަޖިލީހުން ފާސްކޮށްފައިވަނީ އިތުރު އޮޅުވާލުމެއް ހިމަނައިގެން ކަމަށް ބެލެވެއެވެ. އެއީ ސުޕްރިމްކޯޓުގެ އިސްތިޝާރީ ލަފާ ހޯދުމެވެ. މަޖިލީހުން ފާސްކުރި ފާސްކުރުމުގެ ނަތީޖާއަކަށްވާނީ އަނިޔާއެއް ދިނުމަށް ފަހު އަނިޔާ ދެވުނީ ރަނގަޅަށްތޯ އެހުން ފަދަ ކަމަކަށް ނޫން ބައްވައެވެ.
މިވަރުން މިކަންކުރާއިރު ވާނުވާ ދިވެހި މީހާ އަށް ހަމަ ނޭނގޭނެކަމަށް ހީކޮށް ކަންކަން ކުރުމަކީ ބާރެއް އޮތް ނަމަވެސް ބޮޑުވަރެއްތާއެވެ. ކޮންމެ ގޮތެއް ވިޔަސް މަޖިލީހުން ފާސްކުރި ފާސްކުރުމަކީ ސައްހަ އަދި ރަނގަޅުކަމެއްގެގޮތުގައި ކޮންމެ ތަނަކުން ނިންމި ނަމަވެސް ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ހ)ގައި ބުނާ ބުނުން ނަފީކުރެވޭނެ ބަޔަކު މި ދިވެހި ދިދައިގެ ދަށުގައި ތިބި ނަމަ އެ ބަޔަކީ ގާނޫނު އަސާސީއަށްވުރެ މަތީގައި ތިބި ބަޔަކަށް ނޫނީ ނުވާނެތާއެވެ. އަދި އެ ފަދަ ބަޔަކު މި ރާއްޖޭގައި އުޅޭނަމަ އެ ބަޔަކު އުޅޭކަމެއް ގާނޫނު އަސާސީއެއް ނުދަންނާނެވެ. ގާނޫނު އަސާސީ ނުދަންނަކަމެއް ކޮށްގެން އެކަމެއް ރަނގަޅުކަމަށް ދެއްކޭނެ ހަމަ އެއް ގޮތެއްވެސް އޮންނާނެ ބާއްވައެވެ. ސިޔާސީ މީހުންގެ ގޮތެއް ނެތް ނަމަވެސް މިއީ ދެން "ބޮޑުވަރު" ތާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ