އަޅުގަނޑު ގައިގައި ހިފޭތޯ ދެ ސަރުކާރުން ބެލި، ފެނުނީ ހުދު ވަލެއް: އުމަރު

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ހޯމް މިނިސްޓްރީން ހިންގި އެއްވެސް ކަމެއްގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭތޯ ދެ ސަރުކާރުން ބެލުމުން ވެސް ފެނުނީ "ހުދު ވަލެއް" ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިވަން 50 ގެ ހަރަކާތްތައް އެކިއެކި ފަރާތްތަކާ ހަވާލުކޮށްގެން ބޭއްވި އިރު، އެ ކަންކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ 87 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވައި އުމަރު ނަސީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން 50 ގެ ނަމުގައި ހޯމް މިނިސްޓްރީން ހިންގި އެއްވެސް ކަމެއްގައި ކޮރަޕްޝަން ހިމެނޭ ނަމަ، މިހާރު އޮންނާނީ ކޮންމެވެސް މައްސަލައެއް ފެނި، ދައުވާކޮށް އަދި ހުކުމްވެސް ކޮށްފައި ކަމަށެވެ. އަދި އެ ހަރަކާތްތައް ނިމުނުތާ ފަސް އަހަރުވާން ކައިރިވެފައިވާ އިރު، އެފަދަ ކަމެއް ނުކުރެވި އޮތް ކަން އުމަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ ގައިގައި ހިފޭ ވަރުގެ ކަމެއް އޮތްތޯ ދެ ސަރުކާރުން ބަލާ ހާވައިފި. ފެނުނީ ހަމަ ހުދުވަލެއް. އިތުރަށް ހޭވިޔަސް ފެންނާނީ ހުދުވަލެއް. މަހަކު އެއް ފަހަރު ސަރުކާރަށް ތާއީދު ކުރާ މީޑިއާގައި ހެޑްލައިން ހެއްދެވި ދާނެ. ގާނޫނީ ކުށެއް ނުދެއްކޭނެ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިނިވަން 50 ގެ ހުރިހާ ކަމެއް ވެސް ކުރީ އޭސީސީ އާއި އޮޑިޓް އޮފީހަށް ލިޔެ އެ ބޭފުޅުންގެ ބެއްލެވުމުގެ ދަށުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ވެސް ލިޔުމަކުން ހޯދައިގެން ކަމަށެވެ.
އުމަރުގެ ކުންފުންޏަކަށް، ނުވަތަ އާއިލާ މީހެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެސް މިނިވަން 50 ގެ އެއްވެސް މަސައްކަތެއް ހަވާލު ކޮށްފައި ނޯންނާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ކުންފުންޏަކަށް އަތްބެއް، ދަރިޔެއް، އެއްބަނޑު/އެއްބަފާ މީހެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެސް އެއްވެސް މަސައްކަތެއް ދީފައި ނޯންނާނެ. މަސައްކަތްތައް ހަވާލު ކުރީ އެންމެ ގާބިލް ފަރާތްތަކަށް. ހުރިހާ ފަރާތްތަކުން ގަޑިއަށް މަސައްކަތްތައް ނިންމާ. މުޅި ރާއްޖެ ފަހުރުވެރިވާ ވަރުގެ އީދަކަށް މިނިވަން 50 ހެދިން،" އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ނިންމާލައްވަމުން ވިދާޅުވީ ރާއްޖޭގައި ނަޒާހަތްތެރި، ތެދުވެރި، ހިންގުންތެރި ސަރުކާރެއް 2023 ގައި ގާއިމު ކުރައްވާނެ ކަމަށެވެ. އުމަރު އެގޮތަށް ވިދާޅުވި އިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އުމަރު ކުރިން ވަނީ އިއުލާން ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ