ނ. އަތޮޅު ޕޯސްޓް އޮފީހުގެ ތިޖޫރި ފަޅާލި މައްސަލަ: ތުހުމަތުކުރެވޭ ފަސް މީހަކު ހައްޔަރުކޮށް ބައެއް ފައިސާ ހޯދައިފި

ތިޖޫރި އަށް އެއްވެސް ގެއްލުމެއް ނުދީ، ނ. އަތޮޅު ޕޯސްޓް އޮފީހުގެ ތިޖޫރިއަކުން ބައި ލައްކަ އަށް ވުރެ ގިނަ ރުފިޔާ މިދިޔަ ރޯދަ މަހުގެ ތެރޭގައި ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށް ގެއްލުނު ބައެއް ފައިސާ ފުލުހުން ހޯދައިފި އެވެ.
މަނަދޫ ޕޮލިސް ސްޓޭޝަންގެ އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވީ، އެ އަތޮޅު ޕޯސްޓް އޮފީހުގެ ތިޖޫރީން 52،000ރ. ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އަންގާރަ ދުވަހު ހައްޔަރުކޮށްފައި ވަނީ މި ވައްކަމާ ސީދާ ގުޅުންހުރި ތިން މީހަކާއި ކޮންމެވެސް ވަރެއްގެ ގުޅުންތަކެއް ހުރި ދެ މީހެކެވެ. ސީދާ ގުޅުންހުރި ކަމަށް ބެލެވިގެން ހައްޔަރުކުރި ތިން މީހުންނަކީ އެ ރަށު ސާދާމަންޒިލް އިބްރާހިމް ހަނީފް، ،32 އާއި ރެޑްރޯސް ރާޝިދު އަބްދުއްރަހްމާން، ،22 އާއި އެ ރަށު ހުސްނުހީނާގޭގައި ދިރިއުޅޭ ނ. ވެލިދޫ، އަސްދޫ އަބްދުﷲ ޖިނާހު އަހްމަދު، ،28 ކަމަށެވެ.
"މި ތިން މީހުންނަކީ ވެސް މި މައްސަލަ އާ ގުޅިގެން އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ފަދަ ހެއްކާއި ގަރީނާ ފުލުހުންނަށް ލިބިފައިވާ ތިން މީހުން. އަދި މީގެ ތެރެއިން އަބްދުﷲ ޖިނާހު އަހުމަދަކީ މިއަހަރުގެ ޖުލައި މަހާ ހަމައަށް ނ. އަތޮޅު ޕޯސްޓް އޮފީސް ހިންގެވުމަށް ހަވާލުކޮށްފައިވާ އިސްފަރާތް،" އޮފިޝަލު ވިދާޅުވި އެވެ. "އަދި އޭނާ ވަނީ ޖުލައި މަހު މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި މަނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށްވެސް ގެނެވިފައި."
މީގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރެވުނު އިބްރާހީމް ހަނީފަކީ 2001 ވަނަ އަހަރު މަނަދޫ އޮފީހުގެ ތިޖޫރި އާއި އެރަށު މަތީ ސްޓާ ފިހާރަ ފަޅާލި މައްސަލަ ޝަރީއަތުން ސާބިތުވެ، 20 އަހަރާއި 10 މަހަށް އަރުވާލުމަށް ހުކުމްކޮށް އަދި މިހާރު ވެސް ރަށު ބަންދުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހެއް ކަމަށެވެ.
މީގެ އިތުރުން ތަހުގީގަށް ބޭނުންވެގެން މިދިޔަ ހަފްތާގެ ފަހުކޮޅު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް މަނަދޫ ޕޮލިސް ސްޓޭޝަނުން ބުންޏެވެ. ނަމަވެސް އެ ދެ މީހުންގެ ނަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ޕޮލިސް ސްޓޭޝަނުން ބުނީ، ތިޖޫރީން ވަގަށް ނެގި ފައިސާގެ ތެރެއިން 31،100ރ. ފުލުހުން ހޯދާފައި ވަނީ އެ ރަށުގެ އެކި ތަންތަނުގައި ވަޅުލާފައި ހުއްޓާ ކަމަށެވެ. އަދި ވަގަށްނެގި ފައިސާގެ ތެރެއިން ގާތްގަނޑަކަށް 13،000ރ. އެ މީހުން ބޭނުން ކޮށްފައިވާ ކަމަށް ތަހުގީގުން އެނގިިފައިވާ ކަމަށާއި މި ވައްކަން ކުރުމަށް ބޭނުންކުރި ބައެއް އާލާތްތައް ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި ހޯދުމުގަ އާއި މައްސަލަ ތަހުގީގު ކުރުމުގައި މަނަދޫ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މަނަދޫ ޕޯސްޓްއޮފީހުން ވައްކަން ކޮށްފައިވަނީ ޕޯސްޓްއޮފީސް ހުންނަ އިމާރާތުގެ ހުޅަނގު ފަރާތު ފާހާނާގައި ހަރުކޮށްފައި ހުރި ފެންލައިޓެއް ހަލާކުކޮށްލައިގެން އިމާރާތުގެ ތެރެއަށް ވަދެގެން ކަމަށެވެ. ނަމަވެސް ތިޖޫރީގައި ހުރި ފައިސާ ގެންގޮސްފައި ވަނީ ތިޖޫރި އަށް އެއްވެސް ގެއްލުމެއް ނުދީ، އޭގެ ތަޅުދަނޑިއެއް ބޭނުންކޮށްގެން ލޮކް ކޯޑު ޖަހައި ތިޖޫރީ ހުޅުވައިގެން ކަމަށެވެ. އަދި މި ވައްކަމަކީ ދުރާލާ ރާވާ ތައްޔާރުވެގެން ކޮށްފައިވާ ވައްކަމެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ