ތައުލީމީ ދާއިރާގެ ބޮޑު ތިން މައްސަލައެއް އިސްލާމިކް މިނިސްޓަރު ރައީސްގެ ސަމާލު ކަމަށް ގެންނަވައިފި

ތައުލީމީ ދާއިރާގައި އޮތް ބޮޑު ތިން މައްސަލައެއް ރައީސުލްޖުމްހޫރިއްޔާގެ ސަމާލު ކަމަށް ގެންނެވުމަށް ޓަކައި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ ސިޓީއެއް ފޮނުއްވައިފި އެވެ.
އެ ސިޓީގައި މިނިސްޓަރު ފާހަގަ ކުރައްވާފައިވާ ތިން މައްސަލައަކީ މަތީ ސާނަވީގައި ދިވެހި އިސްލާމް އިހުތިޔާރީ ކުރުމާއި ހުރިހާ ސްކޫލުތަކެއްގައި ދެ ޖިންސުގެ ދަރިވަރުން މަސްހުނިކޮށްލުމާއި އަރަބިއްޔާ ސްކޫލުގެ މައްސަލަ އެވެ. މިނިސްޓަރު އެ ސިޓީ ފޮނުއްވީ ތައުލީމީ ދާއިރާގެ ތެރެއިން އިސްލާމްދީނާ ގުޅުން ހުރި ބައެއް ކަންކަމާ ދޭތެރޭ ވަރަށް ގިނަ ފަރާތްތަކަކުން ކަންބޮޑުވުންތައް ފާޅުކުރަމުން ދާތީ ކަމަށް އެ ސިޓީގައި ވެ އެވެ.
އެ ސިޓީގައި މިނިސްޓަރު ވިދާޅުވި ގޮތުގައި އަރަބިއްޔާއަކީ ރާއްޖޭގައި ހުރި ހަމައެކަނި އަރަބި ސްކޫލުކަމަށް ވެފައި އެތަނުން ނިކުންނަ ދަރިވަރުންނަކީ އަހުލާގީ ގޮތުން ފާހަގަ ކޮށްލެވޭ ދަރިވަރުންތަކެއް ނަމަވެސް އެތަނަށް "މަދަރުސާ" ކިޔާތީ ބައެއް މީހުން ބިރުގަނެވެ. ނަމަވެސް އެ މަދަރުސާއިން ކިޔެވި އެއްވެސް ދަރިވަރަކު ދީނީ ގޮތުން ހަރުކަށި ވިސްނުންތަކެއް ނުގެންގުޅޭ ކަމަށާއި އެ ސްކޫލަކީ ޓެރަރިސްޓުންގެ ހާއްޔެއް ނޫން ކަމަށް މިނިސްޓަރުގެ ސިޓީގައި ވެ އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދެ ޖިންސް މަސްހުނިކޮށްލައިގެން ކިޔެވުން ކުރިއަށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާތީ އެކަމާ މެދު ވެސް މިނިސްޓަރު ވަނީ ސިޓީގައި އަލިއަޅުއްވާލައްވައިފަ އެވެ.
"....ރާއްޖޭގެ ގިނަ ސްކޫލުތަކެއްގައި ދެ ޖިންސް އެއްކޮށް ކިޔަވައި ދިނަސް އެ ނިޒާމަކީ ހުޅަނގުގެ ފަހުގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި ކާމިޔާބު ނިޒާމެއް ނޫނެވެ... މިހެން ކަމުން މިފަދަ ގޮތަކަށް ތައުލީމީ ނިޒާމު އަނބުރާލުމުގެ ކުރިން އެކަމަށް ވަރަށް ބޮޑަށް ވިސްނާވަޑައިގަތުން މުހިއްމު ކަމުގައި ދެކެމެވެ. އަދި މިކަމާ ބެހޭ ގޮތުން ގައުމީ ފެންވަރުގައި ވެސް މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށް ދެކެމެވެ" މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓަރުގެ އެ ސިޓީ މިދިޔަ ބުރާސްފަތި ދުވަހު އެތަނަށް ލިބިފައިވާ ކަމަށާއި ނަމަވެސް ސިޓީގައިވާ ކަންތައްތަކާ ބެހޭގޮތުން ވަކި ގޮތެއް އަދި ނުނިންމަވާ ކަމަށެވެ.
"އާއްމުކޮށް މިނިސްޓަރުން މިފަދަ މައްސަލަތައް ހުށަހަޅުއްވާނީ ކެބިނެޓް ބައްދަލުވުމަށް. އެ ބައްދަލުވުމުގައި ދެ މިނިސްޓްރީން ވެސް ވާހަކަ ދެއްކޭނެ. ނަމަވެސް މިފަދަ މައްސަލައެއް ސިޓީގެ ޒަރީއާއިން ފޮނުއްވާފައިވުމުން، މައްސަލަ ބެލުން ލަސްވެގެންދާނެ. ނަމަވެސް އަޅުގަނޑުމެން މި ސިޓީގައިވާ ކަންތައް ބަލާނަން،" ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާމިކް މިނިސްޓަރު، މި މައްސަލަތައް ކެބިނެޓް ބައްދަލުވުމަށް ހުށައަޅުއްވާފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ