ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕީޕީއެމް ކައުންސިލް ބައްދަލުވުމެއްގައި ޕީޕީއެމްގެ މެމްބަރުކަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަކިކޮށްފި އެވެ.
ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބެެލެހެއްޓެވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މައުމޫނުވަނީ ޕާޓީން ވަކިކޮށްފައެވެ.
ޕީޕީއެމްގެ ރައީސް ކަމާއި މައުމޫނު ހަވާލުވެ ވަޑައިގެންނެވީ 2013 ގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސްގެ ޖަލްސާގައި އާއްމު މެމްބަރުންގެ ވޯޓުންނެވެ.
ކުރީގެ ރައީސް މައުމޫނު ޕީޕީއެމް އިން ވަކިކުރީ އެ މަނިކުފާނު ފެއްޓެވި އިސްލާހީ މަސައްކަތްޕުޅު އިދިކޮޅު ޕާޓީތަކާ ގުޅިގެން ކުރިއަށް ގެންދަވަން ނިންމަވައި ޕީޕީއެމްގެ ނަމުގައި އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމުންނެވެ.
މައުމޫނު ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ، ކޯޓުގެ އަމުރުން ޕާޓީގެ ހުރިހާ ބާރުތަކެއް ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމިން އާއި ހަވާލުކޮށްފައިވަނިކޮށް އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި މައުމޫން ސޮއިކުރައްވަނީ ސިވިލް ކޯޓުގެ ހުކުމަށް ގޮންޖައްސަވައި، ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށެވެ.
"ޕާޓީގެ ކައުންސިލްގެ މަޝްވަރާއެއް ނެތި ދިވެހި ގައުމާއި ރައްޔިތުންނާއި ޕާޓީގެ މަސްލަހަތަށް ގެއްލުވާ ފަދަ ސްޓެރެޓެޖީތަކާއި ސިޔާސަތުތައް (ޕާޓީން ބޭރު އެކިއެކި ފަރާތްތަކުގެ ނުފޫޒުގައި ޖެހި އެ ފަރާތްތަކުގެ މަސްލަހަތަށްޓަކައި) އަމިއްލަ އަށް ކަނޑައަޅާ ޕާޓީގެ ސިއްކަ އާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ޕާޓީގެ ނަމުގައި ހިންގާ ސިޔާސީ އެކި ހަރަކާތްތަކަކީ ކަނޑައެޅިގެން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ އަމަލުތަކެއް ކަން ފާޅުކަންބޮޑު ގޮތެއްގައި އެނގެ އެވެ،" މައުމޫނު ވަކިކުރަން ހުށަހެޅި ގަރާރުގައިވެ އެވެ.
ޕީޕީއެމްގެ މެމްބަރުކަމުން މައުމޫން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ