އައްޑޫ އަމާން ތަނަކަށް ހެދުމަށް ފުލުހުން ކުރާ މަސައްކަތް އައްޑޫގެ 95 ޕަސެންޓް ރައްޔިތުން ބަލައިގަންނަ ކަމަށާއި ކުށް މަދުކުރުމަށް ހިންގާ އޮޕަރޭޝަންތަކުގެ ނަތީޖާ ވެސް ވަރަށް ރަނގަޅު ކަމަށް ފުލުހުން ބުނެފި އެވެ.
އައްޑު އާއި ފުވައްމުލައް ހިމެނޭ ފުލުހުންގެ ސައުތު ޑިވިޝަންގެ ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރިޔާޒް "ހަވީރަ"ށް މިއަދު ވިދާޅުވީ އައްޑޫ އަމާން ތަނަކަށް ހެދުމަށް ކުރާ މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ. އަދި އެކަން ގިނަ ބަޔަކު ބަލައިގަނެ، ފުލުހުން ކުރާ މަސައްކަތުގެ އަގު ވެސް ވަޒަން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖެނުއަރީ 17 ވަނަ ދުވަހު އެސްއޯ ފުލުހުންނާ އެކު "އަފިރިންގެ އަމާން އައްޑޫ ސިޓީ"ގެ ނަމުގައި ފެށި އޮޕަރޭޝަންގެ ސަބަބުން ވައްކަމާއި މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތައް ވަރަށް ބޮޑަށް މަދު ކުރެވިފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި އެކި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަންޖެހޭ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ޑީޕީއާރްއެސް އާ ހަވާލުކުރަމުން އަންނަ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ އެސްއޯ ފުލުހުން އައްޑޫގައި ހަރަކާތްތެރިވާ އިރު، އެ މީހުންގެ އޮޕަރޭޝަންތަކާ ބެހޭ އެއްވެސް މައުލޫމާތެއް ޑިވިޝަން ކޮމާންޑަރަށް ނޭނގޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނާ ބުނުމަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
އަދި އެސްއޯ ފުލުހުން އައްޑޫގައި އޮޕަރޭޝަންތައް ހިންގަނީ އައްޑޫގައި ތިބޭ ސިޓީ ފުލުހުންނާ ވަރަށް ބޮޑަށް ގުޅިގެން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"އަދި ސީދާ އަޅުގަނޑުމެންނާ އެސްއޯ ފުލުހުންނާ ދެ ހަފުތާ އިން އެއް ފަހަރު ބައްދަލުކޮށް އޮޕަރޭޝަންތަކާ ގުޅޭ ގޮތުން މައުލޫމާތުތައް އެބަ ހިއްސާކުރެވޭ. އެހެންވީމާ ވަރަށް ބޮޑަށް ގުޅިގެން އެކީގައި މަސައްކަތްތައް މި ކުރެވެނީ،" ރިޔާޒް ވިދާޅުވި އެވެ. "އަދި އަނެއްކާ ކައުންސިލާ ވެސް އަޅުގަނޑުމެން ބައްދަލުކޮށް މަޝްވަރާކޮށް އެބަ ހަދަން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރާނީ ކައުންސިލާއި އައްޑޫގެ ހުރިހާ ރައްޔިތުންނާ ވެސް ގުޅިގެން."
އޭނާ އަދި ވިދާޅުވީ ބައެއް ފުލުހުންގެ އަމަލުތަކާ ދޭތެރޭ އާންމުންގެ ޝަކުވާތަކެއް އެބަހުރި ކަމަށެވެ. އަދި ނޭދެވޭ އަމަލުތައް ފެންނަ ފުލުހުންނާ ދޭތެރޭ ފިޔަވަޅު އަޅަމުންދާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"ނަމަވެސް އެއީ މުޅި ފުލުހުންގެ މުއައްސަސާގެ ތެރޭގައި ކަންކަން ހިނގާނެ ގޮތެއް ނޫން. ފުލުހުންނަކީ އަބަދު ވެސް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރާނެ ބައެއް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން އައްޑޫގައި މި ކުރާ މަސައްކަތުގައި އާންމުންނާއި އައްޑޫގެ ކޯޓްތަކުން ވެސް ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުން އަންނަނީ."
ފުލުހުންގެ މަސައްކަތަށް އައްޑޫގެ 95 ޕަސެންޓް ރައްޔިތުން ތާއީދުކުރޭ: ޕޮލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ