ޕީޕީއެމް އެކަނި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެ: މައުމޫން

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސް (ޕީޕީއެމް) އިން އެކަނި ނުކުމެ ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ އެ ޕާޓީ އަކީ ވަރަށް މުސްތަގިއްލު ބޮޑު ޕާޓީއެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު އެންމެ ބޮޑަށް ބޭނުންފުޅު ވަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގިނިކަންޏާ ކުނުމެވަޑައިގެން ރިޔާސީ އިންތިޚާބު ކާމިޔާ ކުރެއްވުން ކަމަށެވެ. މައުމޫން ވިދާޅުވީ އެގޮތަށް ބޭނުންފުޅުވި ނަމަވެސް އެކަން ކުރުމަކީ ސިޔާސީ މަޝްރަހު އޮތް ގޮތުން ދަތި އުނދަގޫ ކަމަކަށް ވެއްޖެ ނަމަ އެހެން ސިޔާސީ ޕާޓީތަކާ ވާހަކަ ދައްކައިގެން ގޮތެއް ފެނޭތޯ ބެލުމަކީ ނެތްކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި ޕީޕީއެމަށް އެކަނި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުމުގެ ވަރަށްބޮޑު ފުރުސަތެއް އެބައޮތް. އަޅުގަނޑު މި ބުނާ ވާހަކަ އަކީ ޕީޕީއެމް އަކީ ވަރަށް މުސްތަގިއްލު ބޮޑު ޕާޓީ އެކޭ. އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުން ވަނީ ޕާޓީ އެކަނި ނުކުމެ ޕާޓީ ރިޔާސީ ކެންޑިޑޭޓް ކާމިޔާބު ކުރުމޭ. ނަމަވެސް އެކަން ކުރުމަކީ ސިޔާސީ މާހައުލު އޮތް ގޮތުން ދަތި ކަމަކަށް ވެއްޖެ ނަމަ ނުވަތަ ނުވާނެ ކަމުގެ އިޝާރާތްތަކެއް ފެނިއްޖެ ނަމަ އަޅުގަނޑުމެން ވެސް އެހެން ޕާޓީތަކާ ވާހަކަ ދައްކައިގެން ގޮތެއް ފެނޭތޯ ބެލުމަކީ ނެތް ކަމެއް ނޫނޭ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ކޮންމެ މީހަކު ރިޔާސީ ކެންޑިޑޭޓަކަށް ވިޔަސް ޕީޕީއެމްގެ ދޮރުތައް ބަންދު ވެގެން ނުދާނެ ކަމަށާއި އެ ދޮރުތައް އަބަދުވެސް ހުންނާނީ ހުޅުވާލާފައި ކަމަށެވެ. އަދި އެއްވެސް ބަޔަކު އެ ޕާޓީ އާއި ކޯލިޝަން ހަދަން ބޭނުން ނަމަ އެ ބަޔަކާއި މަޝްވަރާ ކުރުމަށް ފަހު އެންމެންނަށް އެއްބަސް ވެވޭ އުސޫލަކުން ކަންތަށް ކުރަން އެއްބަސްވާ ޕާޓީ އަކާ ބައިވެރިވެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން އުޅުއްވަނީ އާއިލީ ވެރިކަމެއް ކުރައްވަން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ވެސް މައުމޫން މިއަދު ރައްދު ދެއްވި އެވެ.
ކުރީގެ ރައީސް ވިދާޅުވީ އާއިލީ ވެރިކަމެއް ކުރައްވަން އުޅުއްވާ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް އެމަނިކުފާނު ބައްލަވަނީ އޭގެ ބަދަލުގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް އެކަމަށް އެންމެ ގާބިލް ބޭފުޅަކު ވެރިކަމަށް ގެންނެވުމަށް ކަމަށެވެ. އަދި އެ މީހަކީ އެމަނިކުފާނުގެ އާއިލާގެ ބޭފުޅެއް ކަމަށް ވިޔަސް އެ މީހަކު ގައުމަށް އިޚްލާސްތެރިކަމާ އެކު ޚިދުމަތް ކޮށްދެއްވާ ނަމަ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ނުބަލަން އާއިލާ އަކަށް. އަޅުގނޑު ބަލަނީ ކޮންމެ މީހެއްގެ ވެސް ގާބިލްކަމާއި ތަޖުރިބާ އަށް. އެ މީހަކަށް ކާމިޔާބު ވުމުގެ ފުރުސަތު އޮތް ވަރަކަށް. އެމީހަކީ އަޅުގަނޑުގެ ކޮއްކޮ ކަމަށް ވިޔަސް، ބޭބެ ކަމަށް ވިޔަސް އަދި ބައްޕަ ކަމަށް ވިޔަސް ކޮބައިތޯ މައްސަލަ އަކީ. އަޅުގަނޑުމެން ބޭނުން ވަނީ ގައުމަށް ޚިދުމަތް ކުރަން." މައުމޫން ވިދާޅުވި އެވެ.
މިއަދުގެ ޕްރެސްގައި ޕީޕީއެމްގެ އިންތިޚާބު ކޮމެޓީގެ މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ. އެ ބޭފުޅުންނަށް މުޚާތަބު ކުރައްވައި މައުމޫން ވިދާޅުވީ އިއްޔެ ނިމިގެންދިޔަ ޕްރައިމަރީގެ ވޯޓު ލުމުގެ އިންތިޒާމް ހަމަޖައްސަފައި އޮތީ ވަރަށް ފުރިހަމަކޮށް ކަމަށެވެ. އެހެން ކަމުން އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ