ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް ފަށައިފި

ސްވިމިން އެސޯސިއޭޝަނުގެ ފަރާތުން ބާއްވާ 15 ވަނަ މަކީޓާ އިންޓަ ސުކޫލް ފެތުމުގެ މުބާރާތް މިއަދު ފަށައިފި އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މި މުބާރާތަކީ، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އިން ރާއްޖޭގައި މާރކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންގެންދާ މަކީޓާ ޕަވަރ ޓޫލްސް އިން ސްޕޮންސަރ ކޮށްފައިވާ، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލެވިގެން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މުބާރާތް ކުރިއަށްދަނީ އަންހެން އަދި ފިރިހެން ވަކިން، ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ޖުމްލަ 15 ސްކޫލްގެ މެދުގައި ކަމަށްވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މަކީޓާ، ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތުގެ އުމުރުފުރާތައް ބެހިފައި ވަނީ، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރު ފުރަޔަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީ އެއް ވެސް ހިމެނޭ ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ސްވިމިން އެސޯސިއޭޝަނުން ބުނީ، ދެ ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ވެސް އަންނަ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު ފެށުމަށް ނިންމާފައި ވާ ކަމަށެވެ. އެގޮތުން ކިޑްސް ސްވިމިންގ ފެސްޓިވަލްގައި ވެސް 15 ސްކޫލަކުން ވާދަކުރާއިރު، މިމުބާރާތުގެ އުމުރުފުރާތައް ބަހާލެވިފައި ވަނީ ހަ އަހަރުން ދަށާއި އަށް އަހަރުން ދަށް އަދި 10 އަހަރުން ދަށުގެ އުމުރު ފުރާއަށް ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ