ޓޫރިޒަމް ދާއިރާގެ ފުރަތަމަ މާސްޓާސް ޕްރޮގްރާމް ފަށައިފި
ޓޫރިޒަމް ދާއިރާ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފު ކުރި މާސްޓާސް ޕްރޮގްރާމް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) އިން މިއަދު އިފުތިތާހު ކޮށްފި އެވެ. މާސްޓާ އިން ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓް އިފުތިތާހު ކޮށްދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. މާސްޓާސް ޕްރޮގްރާމް ފެށުމުގެ ގޮތުން އެފްއެޗްޓީއެސްގައި މިއަދާއި މާދަމާ އޯޕަންޑޭގެ ހަރަކާތްތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެފްއެޗްޓީއެސް އިން ބުނިގޮތުގައި މާސްޓާސް ޕްރޮގްރާމުން ފުރަތަމަ ޖާގަދޭން ނިންމާފައި ވަނީ 15 ދަރިވަރަކަށެވެ. އަދި ރާއްޖޭގެ އިތުރުން ރާއްޖެ އިން ބޭރުގެ ލެކްޗަރާ އިން ވެސް އެ ކޯހުގައި ކިޔަވައިދޭނެ ކަމަށް އެ ފެކަލްޓީން ބުންޏެވެ. ޓޫރިޒަމް ފެކަލްޓީން ޓޫރިޒަމާ ގުޅޭ ތަފާތު ގިނަ ކޯސްތަކެއް މިހާރު ހިންގަމުން ގެންދެ އެވެ. މިދިޔަ މުއްދަތުގައި އެ ފެކަލްޓީން ގާތްގަނޑަކަށް 10،000 މީހުން ކިޔަވާފައިވާއިރު އޭގެ ތެރެއިން ބައެއް މީހުން އަންނަނީ އެކި ގައުމުތަކުގެ ބޮޑެތި ހޮޓެލް ޗެއިންތަކާއި އެެއާލައިންތަކުގެ އިސް މަގާމުތައް ފުރަމުން ކަމަށް އެފްއެޗްޓީއެސް އިން ބުންޏެވެ. އެފްއެޗްޓީއެސް އިން ބުނީ އެ ފެކަލްޓީގައި މިހާރު ވެސް ސެޓްފިކެޓް، ޑިޕްލޮމާ އަދި ޑިގްރީ ޕްރޮގްރާމްތަަކަށް ކިޔަވައިދޭ ކަމަށެވެ. އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި ދާދި ފަހުން ވަނީ ނުވަ ބުރީގެ ހޮޓެލް ސްކޫލް އިމާރާތެއް އަޅައި ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެވެ. އެ އިމާރާތުގައި ތަފާތު އެކި ކަހަލަ ލެކްޗާ ހޯލްތަކާއި ރެސްޓޯރަންޓް ތަކާއި ބެންކުއެޓް ހޯލްތަކާއި ޑެމޮންސްޓްރޭޝަން ބަދިގެ އާއި ގެސްޓް ކޮޓަރި އަދި މުވައްޒަފުންނާއި ދަރިވަރުންގެ އެކޮމަޑޭޝަން ކޮޓަރިތައް ހުންނަ ކަމަށް އެފްއެޗްޓީއެސް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ