ފަޔާޒު ބަންދުކުރި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކޯޓުން ނިންމައިފި

ސިފައިންގެ މަރުކަޒުގައި ބަންދުކޮށްފައި ހުރި މާލޭ އޭރިއާގެ ކޮމާންޑަރު އަހުމަދު ފަޔާޒު (ޕާޕާ) ދޫކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ. ކުރިން އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަންސް ގްރޫޕް (އެސްޕީޖީ)ގެ ވެރިޔާ ކަމާއި ސިފައިންގެ ބަޑި ގުދަން ބެލެހެއްޓުމާ ވެސް ހަވާލުވެ ހުންނެވި ފަޔާޒު ސިފައިންގޭގައި ބަންދުކުރީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލައާ ގުޅިގެންނެވެ. އެ މައްސަލައިގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުމާ އެކުމ އެ ދެ މަގާމުން ވަކިކޮށް، މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ވަނީ ބަދަލުކޮށްފަ އެވެ. މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ފަޔާޒު ސިފައިންގޭގައި ބަންދުކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށް ބުނެ، އޭނާ ބަންދުން މިނިވަން ކުރުމުގެ އަމުރަކަށް އެދި ފަޔާޒްގެ ވަކީލް ހުށަހެޅި ހެބިއަސް ކޯޕަސްގެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކޯޓުން ނިންމީ، ފަޔާޒު ސިފައިންގޭގައި ބަންދުކޮށްފައި ނުވާ ކަމަށް ޑިފެންސް މިނިސްޓްރީން އެންގުމުންނެވެ. ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ސިފައިންގެ އިތުރު ދެ މީހަކު ފުލުހުންގެ ބަންދުގައި އެބަތިއްބެވެ. އެ މީހުންގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ. ރިޔާސީ ލޯންޗްކޮޅުގައި ބޮން ގޮއްވި މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ހައްޔަރުކޮށްފައިވާއިރު އޭނާއާ ގުޅުން ހުރި އެތައް ބަޔަކު ހޯދަން މިހާރު ވެސް ވަނީ އިއުލާންކޮށްފަ އެވެ. އަދި އަދީބުގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ދައުވާ ވެސް އުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ