ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ހައި ކޯޓުގެ އަމުރަށް ދޫކޮށްލައިފި

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ކުރީގެ ސްޓޭޓް މިނިސްޓަރު ސ. ހިތަދޫ ޒަމާނީގޭ އަބްދުﷲ ޝާހިދު ވެސް ހައި ކޯޓުގެ އަމުރަށް މިއަދު ބަންދުން ދޫކޮށްލައިފި އެވެ. ޑިޒާސްޓަ ސެންޓަރުން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބެލެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގަކާ ގުޅިގެން ހައްޔަރުކުރީ އެ ސެންޓަރުގެ އިސް ވެރިއަކަށް ކުރިން ހުންނެވި ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން މއ. އެވަގްލޯރީ އަހުމަދު އާރިފު (އާއްޓޭ) އާއި ބ. އޭދަފުށީ ދިގަލި މުހަންމަދު ވަހީދާއި ގދ. ހޯނޑެއްދޫ ފޭރުމާގޭ އަބްދުﷲ ސައީދާއި ހ. ރަބީއީ މަންޒިލް މުހަންމަދު ޝާހިދެވެ. މީގެ ތެރެއިން މުހަންމަދު ޝާހިދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ އެވެ. އޭނާ ވެސް މީގެކުރިން ވަނީ ހައި ކޯޓުން ދޫކޮށްލައިފަ އެވެ. އަދި މުހައްމަދު ވަހީދު ވެސް މިއަދު ވަނީ ހައި ކޯޓުން ދޫކޮށްލައިފަ އެވެ. އެ އެންމެން ވެސް 15 ދުވަހަށް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދިނެވެ. ނަމަވެސް އެ މީހުން ވެސް ދަށު ކޯޓުގެ އެ އަމުރުތައް އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ އަމުރުތައް ބާތިލްކޮށްފަ އެވެ. އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ނެރުއްވި ޚާއްސަ އޮޑިޓް ރިޕޯޓެއްގައި ވިދާޅުވެފައި ވަނީ 2005 ވަނަ އަހަރު އެޕޯލޯ ހާޑްވެއާ ސްޓޯރާއި އެޕޯލޯ ހޯލްޑިންގެ ނަމުގައި އިންވޮއިސް ހަދައިގެން ފައިސާ ނަގާފައިވާ ފޯމުތަކެއްގެ ފޮޓޯ ކޮޕީ ބޭނުންކޮށްގެން އެ އަށް އިންވޮއިސް ހަދައިގެން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީ އިން މަކަރާއި ހީލަތުން ދައުލަތުގެ ފައިސާ ހިޔާނާތުގެ ގޮތުގައި ނަގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ