މުހައްމަދު ޖުނައިދު
2013 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން ރިޔާސީ އިންތިހާބެއް ބޭއްވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގެ ދިގު ވާޝަންގައި ރައީސް ވަހީދު ވިދާޅުވެފައިވަނީ 2013 ގެ ކުރިން ރިޔާސީ އިންތިހާބެއް ބޭއްވޭނެ މަގެއް ހޯދުމުގެ ކުރިން، ގާނޫނު އަސާސީ އިސްލާހުކުރަން ޖެހޭ ކަމަށެވެ.
ތިން، ހަތަރު ފަހަރަށް މަސައްކަތްކުރެއްވުމަށްފަހު، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަހީދު ރިޔާސީ ބަޔާން އިއްވަވާފައިވަނީ ދެފަހަރެއްގެ މަތިންނެވެ.
ފުރަތަމަ ފަހަރު، ރިޔާސީ ބަޔާނުގެ ފެށުން އިއްވެވުމަށްފަހު، ދެވަނަ ފަހަރު ރިޔާސީ ބަޔާން އިއްވަވާ ނިންމާލެއްވީ ވަރަށް ކުރުކޮށެވެ. ރިޔާސީ ބަޔާނުގެ ޖުމްލަ ދިގުމިން އުޅެނީ 3 މިނެޓު ހާއިރެވެ.
ރައީސް އޮފީހުން ފަހުން ބުނެފައިވަނީ ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވެވީ އަސްލަ ބަޔާން ކުރުކޮށްލުމަށްފަހުގައި ކަމަށެވެ. ރައީސް އޮފީހުގެ ސައިޓުގައި ދިގު ބަޔާން ވަނީ ޝާއިއުކޮށްފައެވެ. މިބަޔާނުގައި ބުނެފައިވާ ގޮތުން 2013 ގެ ޖުލައި މަހުގެ ކުރިން ރިޔާސީ އިންތިހާބެއް ބާއްވާނަމަ ގާނޫނު އަސާސީ އިސްލާހުކުރަން ޖެހޭ ކަމަށެވެ.
"ނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެ އަވަހަށްވެސް ރިޔާސީ އިންތިޚާބެއް ބޭއްވޭނީ، 2013 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި. އެއަށްވުރެ އަވަސް ތާރީޚެއްގައި ރިޔާސީ އިންތިޚާބެއް ބާއްވަން ބޭނުންވާނަމަ، އެކަން ކުރެވޭނީ، ރާއްޖޭގެ ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން." ރައީސް ވަހީދުގެ ބަޔާނުގައި ބުނެފައިވެއެވެ.
މިބަޔާނުގައި ޑރ. ވަހީދު ވިދާޅުވީ އިންތިހާބު ބޭއްވުމަށްޓަކައި، ރާއްޖޭގެ ސިޔާސީ ލީޑަރުން އެއް މޭޒެއްގެ ދޮށަށް ގެނެސް، މަޝްވަރާތައް ކުރެވެން ޖެހޭ ކަމަށާއި، އެކަން ކުރުމަށްޓަކައި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ރައީސްގެ ބަޔާނުގައިވެއެވެ.
ރިޔާސީ ބަޔާނުގައި ވަނީ ހުރިހާ ދިވެހިން އެއްބައިވެގެން، އެއް ރޫހެއްގައި މަސައްކަތްކޮށް، ގައުމުގެ މަސްލަހަތަށް އިސްކަންދެއްވުމަށް ގޮވާލާފައެވެ.
މިކަން ރައީސް ވަހީދުގެ ބަޔާނުގައި ފާހަގަކުރަށްވާފައިވާއިރު، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) އިން ވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވުމަށް ވާހަކަދައްކައިގެން ހައްލެއް ހޯއްދެވުމަށް އެދިފައެވެ.
މިއަންނަ އަހަރުގެ ޖުލައިގެ ކުރިން ރިޔާސީ އިންތިހާބެއް ބޭއްވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން: ރައީސް ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ