ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކޮށްފި އެވެ.
ގާސިމް މިރޭ ކުއްލި ގޮތަކަށް ހައްޔަރުކުރީ އެމަނިކުފާނުގެ ގެކޮޅު، މާފަންނުވިލާގައި ހުންނަވަނިކޮށެވެ.
ގާސިމް އިބްރާހީމްގެ ހަށިފާރަވެރިޔަކު ބުނީ ގާސިމް އިބްރާހީމް ހައްޔަރުކުރީ ފުލުހުން މާފަންނުވިލާއަށް ވަދެ އެމަނިކުފާނު އަތްޕުޅަށް ލިޔުމެއް ދިނުމަށްފަހު ކަމަށެވެ. އެއީ ކޯޓު އަމުރެއް ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެއީ ކޮން އެއްޗެއް ކަން ޔަގީން ނުވާ ކަމަށްސް ބުންޏެވެ. އަދި ފުލުހުންގެ އެލިޔުން ގާސިމް ފިޔަވާ އިތުރު އެއްވެސް މީހަކަށް އެ ލިޔުން ފެނިފައި ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ގާސިމް ހައްޔަރުކުރުމާއެކު އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ގާސިމާ ބައްދަލުކުރަން ވަގުތުން މަސައްކަތް ފަށާފަ އެވެ. ނަމަވެސް ގާސިމް އިބްރާހީމްގެ ގާނޫނީ ޓީމުގެ ބޭފުޅުންނަށް އެމަނިކުފާނާ ބައްދަލުވުމުގެ ފުރުސަތު ފަހުން ފުލުހުން ވަނީ ދީފަ އެވެ.
ފުލުހުން ވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭވެސް އިޝާ ނަމާދު ވަގުތާ ދިމާކޮށް ގާސިމް އިބްރާހީމް ހައްޔަރުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރައްވާނީ ސުޕީރިއަރ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށެވެ. މިފަދަ އަމުރަކަށް އެ ކޯޓްގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށެހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށްވެސް މިމާއްދާގައިވެ އެވެ. ނަމަވެސް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ގާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ މިމާއްދާގައިވާ ގޮތަށް ޕީޖީގެ އެެއްވެސް ދައުރެއް ނެތި ފުލުހުން ސީދާ ކްރިމިނަލް ކޯޓަށް ގޮސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ދެއްވި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި މިރޭ ގާސިމް ހައްޔަރުކުރީ ޕީޖީ މެދުވެރިކޮށް ހޯދި ކޯޓު އަމުރަކުން ކަންވެސް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ގާސިމް މިމަހުގެ ހަވަނަ ދުވަހު ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާގައި ބުނެފައިވާ އިޖުރާތުތައް ފުރިހަމަ ނުކޮށް ކަމަށް ހައިކޯޓުގެ ޝަރީއަތުގައި ދައުލަތުން އެއްބަސްވެފައިވެ އެވެ. އެހެންކަމުން ގާސިމް އިބްރާހީމް ދޫކޮށްލަން އެފަހަރު ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ގާސިމް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނާ ހިލާފު ބާތިލް އަމުރެއް ކަމަށެވެ.
"އިސްތިއުނާފް މި ކުރެވޭ ކޯޓު އަމުރުގެ ދަށުން ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކުރައްވާފައިވަނީ ގާނޫނު ނަމްބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ ހ. އާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްގެ ދަށުން ގާސިމް އިބްރާހިމް ބަންދު ކުރެވިފައި ވަނިކޮށް އެ އަމުރުގެ މައްޗަށް ބިނާ ކުރައްވައިގެންކަން އެނގެން އޮންނަ ކަމާއި، ބާތިލްކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލު ކަމަކަށް ވާނެތީ ކްރިމިނަލް ކޯޓުގެ ނަމްބަރު [އަމުރު ނަމްބަރު] ކޯޓު އަމުރަކީ ގާނޫނާ ޚިލާފް ބާތިލް އަމުރެއް،" މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ގާސިމް އިބްރާހީމް މިނިވަންކުރަން އަމުރުކޮށް މިމަހުގެ 12 ވަނަ ދުވަހު ކުރެއްވި އަމުރުގައި ބުނެފައިވެ އެވެ.
ފުލުހުން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގާސިމް އިބްރާހީމް ހައްޔަރުކުރީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކަމަށެވެ. ނަމަވެސް ތަހުގީގު ކުރަމުންދާ މައްސަލައެއްގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ