ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަތަކާ މެދު ކޯޓުން އަމަލުކުރާ ގޮތުން ސުޕްރީމް ކޯޓާއި ހައިކޯޓަށް ފާރިސްގެ ފަރާތުން ޝަކުވާ ހުށަހަޅުއްވައިފި އެވެ.
ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓާއި ހައިކޯޓަށް ޝަކުވާ ހުށަހެޅުއްވީ އޭނާގެ މައްޗަށް ކުރާ ރިޝްވަތު ހުށަހެޅިކަމުގެ ދައުވާއާއި ގުޅިގެން ކުރިއަށްދާ ޝަރީއަތުގައި ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެމައްސަލަތަކުގެ ރަޖިސްޓްރޭޝަން މަރުހަލާ ނުނިމޭތީ އެވެ.
ކްރިމިނަލް ކޯޓުން ނިންމި ހަ ނިންމުމެއް ފާރިސްގެ ފަރާތުން މީގެ ދެމަސް ވަރު ކުރިން ވަނީ ހައިކޯޓަށް ހުށަހަޅުއްވާފަ އެވެ.
ފާރިސްގެ ފަރާތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަތައް ރަޖިސްޓްރީ ކުރުމަށް ހައިކޯޓުގެ ރަޖިސްޓްރާ އެއްވެސް ފަރާތަކާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.
މައްސަލަތަކާ މެދު އެއްވެސް ކަމެއް އިސްލާހު ކުރަން ވަކީލުންނަށް އަންގާފައި ނުވާ ކަމަށްވެސް ޝަކުވާގެ ސިޓީގެ ވިދާޅުވެފައިވެ އެވެ. އެހެންކަމުން މައްސަލަތައް ލަސްކުރަނީ ސުޕްރީމް ކޯޓުން އިސްތިއުނާފް މައްސަލަތަކުގައި އަމަލުކުރަން އަންގާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށްވެސް މިސިޓީގައިވެ އެވެ.
ފާރިސްގެ ފަރާތުން ޝަކުވާގެ ސިޓީގައި އެދިވަޑައިގެންފައިވަނީ މިމައްސަލަތަކުގެ ރަޖިސްޓްރޭޝަން މަރުހަލާ ދެ ދުވަސް ތެރޭގައި ނިންމުމަށްފަހު ޝަރީއަތް ކުރުމާ ބެހޭ ސެކްޝަނަށް މައްސަަލަތައް ފޮނުވައިދިނުމަށް ހައިކޯޓުގެ ރަޖިސްޓްރާއަށް އަމުރުކޮށްދިނުމަށެވެ.
ފާރިސްގެ ހައްގުތަކެއް ގެއްލިގެންދާތީ އެ މައުލޫމާތު ހިއްސާކުރުމަށް ފާރިސްގެ ގާނޫނީ ޓީމުން މިއަދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުންނާ ބައްދަލުކުރުމަށް ވެސް އެދިފަ އެވެ.
ފާރިސްގެ މައްޗަށް ކުރާ ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތާ ގުޅިގެން އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެމައްސަލަ ފާރިސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލައިގެ އަޑުއެހުން ނިންމާލިތާ ދުވަސްތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އަދި އެމައްސަލާގައި ހައިކޯޓުން ހުކުމްކޮށްފައެއް ނުވެ އެވެ.
ފާރިސްގެ މައްސަލަތައް ކުރިއަށް ނުދާތީ ސުޕްރީމް ކޯޓާއި ހައިކޯޓަށް ޝަކުވާ ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ